ލައިޕްޒިގް (25 ޖޫން) – މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި އިޓާލީން ޖެހި ލަނޑާއެކު، ރޭ އިޓަލީ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، އިޓަލީއަށް ގަދަ 16ގެ ޖާގައެއް ލިބިއްޖެެ އެވެ.

ގުރޫޕް ބީގެ މެޗުތައް ނިމުނުއިރު، ތިން މެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނަ ހޯދީ ސްޕެއިން އެވެ. އިޓަލީ ދެވަނަ ހޯދީ ހަތަރު ޕޮއިންޓާއެކުއެވެ. ތާވަލްގެ ތިން ވަނައިގައި ދެ ޕޮއިންޓާއެކު އޮތީ ކްރޮއޭޝިއާ އެވެ. ތާވަލްގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު އަލްބޭނިއާ އެވެ.

މި މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދުމަށް ކްރޮއޭޝިއާއަށް ދެން އޮތީ ހަނި ފުރުސަތެކެވެ. ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމުގެ ތެރޭގައި ކްރޮއޭޝިއާ ހިމެނޭނީ ގުރޫޕް ސީގައި މިރޭ ސްލޮވާނިއާ އަތުން ތިން ލަނޑުގެ ތަފާތަކުން އިންގްލެންޑް މޮޅުވެގެންނެވެ.

މެޗުގެ 55 ވަނަ މިނިޓުގައި ކްރޮއޭޝިއާ އިން ލީޑު ހޯދީ ކެޕްޓަން ލޫކަ މޮޑްރިޗް ޖެހި ލަނޑުންނެވެ. އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރޫމާ ކްރޮއޭޝިއާގެ ހަމަލާއެއް ދިފާއުކުރި ނަމަވެސް، ޕެނަލްޓީ އޭރިޔާ ތެރެއިން މޮޑްރިޗަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ.

އޭގެ އިރުކޮޅެއް ކުރިން ކްރޮއޭޝިއާއަށް ލިބުނު ޕެނަލްޓީއެއް މޮޑްރިޗަށް ކާމިޔާބެއް ނުވި އެވެ. މޮޑްރިޗްގެ ޕެނަލްޓީ ޑޮނަރޫމާ ވަނީ ދިފާއުކޮށްފަ އެވެ.

މޮޅަކާއެކު ގަދަ 16ގެ ޖާގައެއް ކްރޮއޭޝިއާ އިން ކަށަވަރުކުރާނެ ކަމަށް ބެލިވައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި އިޓަލީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ މަޓިއާ ޒަކާންޔާ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ އެއް ފަހަރުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.