ރާއްޖޭގައި އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް އިދިކޮޅުން ބުނެފި އެވެ.

ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހުށައަޅާ ބަޔާން އިވަވައިދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ރިޕޯޓު ނެރުމުން، އެ ރިޕޯޓާ ދެކޮޅަށް މުޅި ރާއްޖޭގައި ކެނޑިނޭޅި އިހުތިޖާޖުކުރި، ނަމަވެސް 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އެ މައްސަލައާމެދު އަލިއަޅުވައިނުލެއްވުމަކީ ރާއްޖޭގައި އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

"މާތްﷲ އާއި އެކަލާނގެ އަޅާ مُحَمَّدُرَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ރިޕޯޓު ނެރުމުން، އެ ރިޕޯޓާ ދެކޮޅަށް މުޅި ރާއްޖޭގައި ކެނޑިނޭޅި އިހުތިޖާޖުކުރި، ނަމަވެސް 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އެ މައްސަލައާމެދު އަލިއަޅުވައި ނުލެއްވުމަކީ ރާއްޖޭގައި އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާކަން ހާމަވެގެންދިޔަ ކަމެއް. އަދި އެ ރިޕޯޓު ލިޔުނު ފަރާތްތައް ސަރުކާރުގެ މަތީ މަގާމުތަކުގައި ބޭތިއްބުމަކީ އިސްލާމް ދީނަށް ސަރުކާރުން ޤަދަރު ކުޑަކުރާކަން އަންގައިދޭ ކަމެއް. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓު ކުށްވެރި ކުރަމުން، އެ ރިޕޯޓާމެދު ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލެއްވި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ދިވެހި މި ބިމުން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ދީގެންނުވާނެ،" ސަލީމް ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް ވެފައި، ދިވެހި ގައުމިއްޔަތާ ދިވެހިންގެ ސިލްމާއި ސަލާމަތާ ދިވެހިންނަށް ލިބިފައިވާ ތަހުޒީބާއި ތަމައްދުންގެ ބިންގަލަކީ އިސްލާމްދީންކަމަށްވާއިރު، އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގާ ބަޔާންކޮށްފައިވާއިރު، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް، ރާއްޖޭގާ އެހެން ދީންތައް ފެތުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ ކަންކަމަށް ސަރުކާރުން ފުރުޞަތު އެބަދޭ. މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައި މާލޭގެ ކުޅިވަރު އެކުވެނީގައި އެފަދަ ކަމެއް ބާއްވާފައިވޭ. މިއީ އިސްލާމްދީނާ ގައުމު ދެކެ ލޯބިވާ އެތައް ބަޔަކު ކަންބޮޑުވާ ކަމެއް. އަދި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާވެސް ޚިލާފު ކަމެއް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމީ އަގީދާ ބަލިކަށިކޮށްލުމަށް ރޭވިގެން ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ސަރުކާރުން އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކަށް ވާންޖެހޭނީ އިސްލާމީ ވަހުދަތު ދަމަހައްޓާ، ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖައްސާ، އިސްލާމީ ރިވެތި އުސޫލްތައް ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށާއި ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގައި އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިކަން ސަލީމް ފާހަގަ ކުރެއްވި އެވެ.

"ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި އަދި ވަކި ދީނެއް ގަބޫލު ނުކުރާ ފިކުރުތަކާ ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރުންވަނީ ގިނަގުނަ އިސްތިރާޖީ މަސައްކަތްތަކެއް ކުރައްވާފައި. ނަމަވެސް އެ އިސްތިރާޖީ މަސައްކަތްތަކާއި ސިޔާސަތުތައް މިސަރުކާރުންވަނީ ބަދަލުކޮށްފާ. މިކަމުގެ ސަބަބުން ރާއްޖެއަށް އޮންނަ ނުރައްކާ އިތުރުވެދާނެ،" އޭނާ ވިދާޅުވި އެވެ.

ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، ޙިކުމަތްތެރިކަމުގެ އުކުޅުތައް އިސްކުރުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލި އެވެ. ހަރުކަށިފިކުރު އިތުރުވާކަމުގައިވާނަމަ އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބެލުމާއި ސަރުކާރުން ގެންގުޅޭ ދީނާ ބީރައްޓެހި ސިޔާސަތުގެ ސަބަބުން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.