ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް މަގާމުން ސަސްޕެންޑްކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު "ހުރިހާ"އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ރަމީޒާއި ޝަމްނާޒް މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ހީނާ ވިދާޅެއްނުވެ އެވެ.

ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަކީ ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ރަމީޒު ވަނީ ޝަމްނާޒު ވަރިކޮށްފަ އެވެ.

ޝަމްނާޒް ސަސްޕެންޑްކޮށްފައިވާއިރު، އޭނާ ވަނީ ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ރަމީޒަކީ ކުރިން މާލޭ ސިޓީ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.