ކ. މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އުޅޭ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި އެވެ.
ޖަލުގައި ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ބޮޑު ނެޓްވޯކެއް ވަނީ ފަޅާ އަރައިފަ އެވެ. ފުލުހުން ރޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކަރެކްޝަންސްގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެއް އޮފިސަރުގެ އެކައުންޓަށް އެކި ފަހަރު މަތިން 24 މިލިއަން ރުފިޔާ ޖަމާވި ކަމަށް އިހުސާން ވިދާޅުވި އެވެ.
ފުލުހުން ބުނީ މާފުށީ ޖަލުގައި މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަންގެ ދަށުން 13 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ އޮފިސަރަކު ހައްޔަރުކޮށްފައިވަނީ މާފުށިން ކަމަށާއި ދެ މީހަކު ކ. ކާށިދޫން ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.
އަދި ހއ. އުތީމުން އެކަކު، މާލެ އިން އެކަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.
އިހްސާން ވިދާޅުވީ އެ އޮފިސަރުންނަކީ ޖޫނިއާ ލެވަލްގެ އޮފިސަރުން ކަމަށާއި ފައިސާ ޖަމާކޮށްފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ އެކައުންޓުތަކުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ ޖަމާކުރުމުގައި ބައިވެރިވި އެންމެންގެ މައްސަލަ ވެސް ބަލާނެ ކަމަށެވެ.
"މިއަދުގެ ސަރުކާރުގައި ޔުނީފޯމު އެޅި އެއްވެސް އޮފިސަރަކު އެ ބައެއްގެ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާގެ ތެރޭގައި ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނީފޯމު ވިއްކާލައިފި ނަމަ، އެފަދަ އަމަލެއް އަޅުގަނޑުމެން އެއްވެސް ވަރަަކަށް ޓޮލަރޭޓެއް ނުކުރާނަން،" އިހްސާން ވިދާޅުވި އެވެ.