އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިންޑިއާގެ ފިލްމީތަރި ހީނާ ޚާންއަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އޭނާ އިއުލާން ކޮށްފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ހީނާ އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާ މިވަގުތު ތަހައްމަލު ކުރަނީ އުރަމަތީގެ ކެންސަރުގެ ސްޓޭޖް ތިނެއް ކަމަށެވެ. ކެންސަރުގެ އުނދަގޫތަކާއި ގޮންޖެހުންތަކާއެކު ވެސް އޭނާ ހުންނާނީ ގަދަ ހިތްވަރާއެކު އެ ބަލިން އަރައިގަތުމުގެ އަޒުމުގައި ކަމަށް ވެސް ހީނާ ބުނެފައިވެ އެވެ.

އެގޮތުން މިހާރުވެސް ފަރުވާ ފަށައިގެން ކުރިއަށްދާ ކަމަށާއި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ހީނާ ފާހަގަކުރި އެވެ.

ހީނާ މިކަން އިއުލާން ކޮށްފައި މިވަނީ އޭނާގެ ސިއްހަތާ ބެހޭގޮތުން މީޑިއާގައި އަޑުތަކެއް ފެތުރި އާއްމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.

ހީނާ އާއްމުންގެ މަގުބޫލުކަން ހޯދާފައިވަނީ ސްޓާ ޕްލަސްއިން ދެއްކި "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ"އާއި "ކަސޯޓީ ޒިންދަގީ ކީ 2" އިންނެވެ.