މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި ރޭ ފަތިހު ވަޅުލައިފި އެވެ.

ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އޭނާއަކީ ޖަލުގައި ހުރި އިރު، ނަފްސާނީ ބައްޔަށް ފަރުވާ ވެސް ހޯދަމުން އައި މީހެކެވެ.

އާއިލާ އިން ބުނާ ގޮތުގައި ޖަމީލް މަރުވީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އޭނާ އަށް އަނިޔާކޮށްގެންނެވެ. އަދި ޖަމީލަށް ފަރުވާ ދިނުމުގައި ވެސް އިހުމާލުވެފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. ޖަމީލުގެ މޫނުމައްޗާއި ބުރަކަށީގެ އެކި ތަންތަނުގައި ނޫފައިގެންފައިވާ ތަންތަން ހުރި ކަމަށާއި އެއީ އަނިޔާ ކުރި ކަމުގެ ނިޝާންތަކެއް ކަމަށް ބުނެފައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއިލާގެ ހުއްދައާ އެކު ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އެގޮތަށް އެންގެވުމާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ވަނީ ހުޅުމާލޭ ސަހަރާއަށް ގޮސް ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑުގެ ގެންދަން އުޅެފަ އެވެ. އެކަމަކު އާއިލާގެ މީހުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

އާއިލާ މީހުން އެކަމާ ދެކޮޅު ހެދުމުން އިހުސާން ވެސް ސަހަރާ އަށް ވަޑައިގެންނެވި އެވެ. އެކަމަކު، އާއިލާގެ މީހުން ބޭނުންވީ ޕޯސްޓްމޯޓަމް ނުހަދައި ވަޅުލާށެވެ.

އެހެންވެ، ރޭ ފަތިސް ނަމާދަށް ފަހު ޖަމީލުގެ ހަށިގަނޑު ވަޅުލީ އެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމަށް ފަހު ވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެގެ މެންދުރު 12:13 ގަ އެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަމީލް އޮތް ގޮޅީގެ ސީސީޓީވީ ފޫޓޭޖް ބެލިއިރު، ފެންނަނީ ނަމާދު ކުރާ ތަނެވެ. އޭނާ ނިޔާވެފައި އޮއްވައި ފެނުނީ ސަޖިދައިގައި އޮއްވަ އެވެ. އެ މައްސަލަ ތަހުގީގުކުރާ ހުރިހާ އިދާރާއަކަށް ސީސީޓީވީ ފުޓޭޖް ހިއްސާކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.