ރާއްޖޭގެ އިގްތިސާދު ހަލާކުނުކޮށް، ހަރަދުތައް ކުޑަ ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަން ކުރެއްވެވި އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ވަނީ އިގްތިސާދީ އެޖެންޑާއެއް އެކުލަވާލައިފަ އެވެ. އިސްލާހީ އެޖެންޑާގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ޖީއެސްޓީ ފަދަ ބައެއް ބޮޑެތި ޓެކްސްތައް ބޮޑު ކުރުން ހިމެނެ އެވެ. ޖީއެސްޓީ ބޮޑު ކުރާ ނަމަ، ތަކެތީގެ އަގު އިންތިހާ އަށް އުފުލިގެން ދާނެ އެވެ.
ޓެކްސްތައް ބޮޑު ކުރުމުގެ އިތުރުން އެހެނިހެން ހަރަދުތައް ކުޑަކުރަން ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަދު ކުރުމާއި ރިކަރަންޓު ހަރަދު ކުޑަކުރުމާއި ހަފްލާތަކާއި ޖަލްސާތައް ނުބޭއްވުން ނުވަތަ މަދު ކުރުން ހިމެނެ އެވެ. އަދި މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ނުބާއްވަން ވަނީ ނިންމައިފަ އެވެ.
ޒުހޫރު "ހުރިހާ"އަށް ވިދާޅުވީ ހަމައެކަނި ޓޫރިޒަމްގެ ދާއިރާ އިން ޓެކްސްގެ ގޮތުގައި %44 ސަރުކާރަށް ލިބެމުން އަންނަ ކަމަށެވެ. އަދި އިމްޕޯޓް ޑިއުޓީ އޭގެ ތެރޭގައި ހިމަނައިފި ނަމަ، ހަމައެކަނި ޓެކުހުން ދައުލަތަށް %50 ގެ އާމްދަނީއެއް ވަންނަ ކަމުގައި ޒުހޫރު ވިދާޅުވި އެވެ.
އެހެންކަމުން، ޓެކްސްތައް ބޮޑު ކުރާނަމަ، އިގްތިސާދު ހަލާކުވެ، ޓޫރިޒަމް އިންޑަސްޓްރީ ވެސް ފުނޑިގެންދާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އެހެންވެ، އިގްތިސާދު ހަލާކުނުކޮށް ހަރަދުތައް ކުޑަކުރަން އޭނާ ގޮވާލެއްވި އެވެ.
"އިގްތިސާދު ހަލާކުނުކޮށް ހަރަދުތައް ކުޑަކުރަންވީ. މިކަން ކުރުމަށް ހައްދެއް ނެތް މިންވަރަށް ހަރަދު ކުރަންވީކީ ނޫން. މައްސަލައަކަށްވަނީ ހައްދެއް ނެތް މިންވަރަށް ހަރަދުކޮށް މެނޭޖް ނުކުރެވޭތީ،" ޒުހޫރު ވިދާޅުވި އެވެ.
"ޓެކްސް ބޮޑު ކުރުމަކީ ހައްލެއް ނޫން. އޭގެން މަރުވާނީ އިގްތިސާދު،" އޭނާ ވިދާޅުވި އެވެ.