ޑޯޓްމަންޑް (29 ޖޫން) – ޔޫރޯގައި ރޭ ޑެންމާކް އަތުން 2-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޑޯޓްމަންޑްގެ ބީވީބީ ސްޓޭޑިއޮންގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ވިއްސާރައިގެ ސަބަބުން މެޗު ވަނީ މެދުކަނޑާލައިފަ އެވެ. މެޗުގެ ކުޅުން އަލުން ފެށީ 20 ވަރަކަށް މިނިޓު ފަހުންނެވެ.
ޖަރުމަން އިން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް ޖެހި ލަނޑުންނެވެ. ޖަރުމަނަށް ޕެނަލްޓީއެއް ލިބުނީ އޭރިޔާ ތެރެއިން ޑެންމާކްގެ ޔަކީން އެންޑަސަންގެ އަތުގައި ބޯޅަ ޖެހުމުންނެވެ.
މި ލަނޑުގެ އިރުކޮޅެއް ކުރިން ޑެންމާކްގެ ތޯމަސް ޑެލައިނީ ޖަރުމަންގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ނިންމީ ޑެލައިނީ އޮފްސައިޑް ކަމަށެވެ.
މެޗުގެ 68 ވަނަ މިނިޓުގައި ޖަރުމަންގެ ދެވަނަ ލަނޑު ޖެހީ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަންއާ ދެކޮޅަށް ނުކުންނާނީ ސްޕެއިން ނޫނީ ޖޯޖިއާ އެވެ.