ލ. ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން، ލ. ގަމުގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 232 ރަބަރު ޕެކެޓާއި ހަތް ބުލެޓުގެ އިތުރުން ރަބަރު ކޮތަޅެއް ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެކަމަށް ފުލުހުން ބުނެފައިވެ އެވެ. އެއީ 35 އަހަރުގެ މީހަކާއި، 30 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެކެވެ.

އަދި މީގެ އިތުރުން، މި މައްސަލައައި ގުޅިގެން ހައްޔަރު ކުރެވުނު 18 އަހަރުގެ ކުއްޖަ ޝަރުތުތަކާއެކު ބަންދުގައި ނުބަހައްޓައި ދޫކޮށްލާފައިވީ ނަމަވެސް، 35 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދަކަށް ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާއިރު، 21 އަހަރާއި 30 އަހަރުގެ މީހާއަށް ވަނީ 10 ދުވަހުގެ މުއްދަތެއް އަމުރުކުރައްވާފަ އެވެ.

އަދި މި މައްސަލައާއި ގުޅިގެން ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.