ސަރުކާރުގެ ހަރަދު ކުޑަކޮށް ގެންނަ މާލީ އިސްލާހުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.

އެމްއޭސީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ ހަދަރު ކުޑަކުރުމުގެ ގޮތުން އެކުންފުނިން ދިހަ ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ހަރަދު ކުޑަކުރާ ދާއިރާތައް

1. ތެލަށް ކުރާ ހަރަދު

2. ކޮންސިއުމަބަލްސް އަށް ކުރާ ހަރަދު

3. ފެނަށް ކުރަށް ހޭދަ.

4. ކަރަންޓަށް ކުރާ ހަރަދު.

5. ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު.

6. ކުންފުނީގެ އެތެރޭގެ ހިންގުމުގެ ހަރަދު.

7. ބޭންކު ޗާޖުތައް ކުޑަކުރުމަށް ނެގޯޝިއޭޓް ކުރުން.

8. ކުންފުނީގެ އެތެރޭގެ ކޮމިއުނިކޭޝަނަށް ކުރާ ހަރަދު

9. އެތެރޭގެ އިންވެންޓްރީ އަށް ކުރާ ހަރަދު.

10. އިވެންޓްތައް ބޭއްވުމަށް ކުރާ ހަރަދު.

އެގޮތުން ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކުން ތެލަށް ކުރާ ހޭދަ ކުޑަކުރެވޭނެ ގޮތަކަށް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ކަންކަން ރާވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މިހާރު ކަރަންޓް ދެމުން އަންނަ ޖެންސެޓްތަކަކީ ދުވަސްވެފައިވާ ތަކެއްޗަށްވުމުން ކަރަންޓަށް ހިންގާ ހަރަދު އެތައް ތަނުން ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ޕަވާ އަޕްގްރޭޑިން ޕްރޮޖެކްޓެއް އެބަދޭ. އެކަން އަވަސްކޮށް ކުރިޔަށް އޮތް 15 ދުވަސްތެރޭ އާ ޖަނަރޭޓަރު ސެޓްތައް ބޭނުންކުރަން ފަށާނަން. މި ބޭނުން ކުރަން ފެށުމުން އަޅުގަނޑުމެން ކަރަންޓަށް އުފެއްދުމަށް ބޭނުންކުރާ ތެލުގެ މިންވަރު މަދުވެގެން ވިހި ޕަސެންޓް ދަށްވާނެ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެއް ކުންފުނި އެމްއޭސީއެލްގައި 4،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެކަމަކު، ހަރަދު ކުޑަކުރަން އަޅާ އެއްވެސް ފިޔަވަޅެއްގައި މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ނުވަތަ މުސާރަ ކުޑަކުރުމަށް ނިންމާފައި ނުވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެމްއޭސީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

ނަމަވެސް، އެމްއޭސީއެލްގެ އޮޕަރޭޝަންގެ މުހިއްމު ހަރަދުތަކެއް ކުޑަކުރާ އިރު، އެ ކުންފުނިން ކަރުދާހަށް ކުރާ ހަރަދު ވެސް ކުޑަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެމްއޭސީއެލް ޕޭޕާ- ލެސް ކުންފުންޏަކަށް ހެދުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ޕްރިންޓަރު ގަތުން ހުއްޓާލައި، އެމްއޭސީއެލްގައި މިވަގުތު ހުރި ޕްރިންޓަރުތަކާ އެކު، ކުންފުނީގެ ހިންގުމުގެ ކަންކަން މެނޭޖް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ އިތުރުން އެމްއޭސީއެލްގެ އާމްދަނީ އިތުރު ކުރުމަށްޓަކާއި ކޮމާޝަލް ޖާގަތައް އިތުރު ކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން އެކަމުގެ ޕްލޭންތައް ރާވަމުން އަންނަ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.