އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ފަށާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓުމަންޓު ފޯރަމްގައި 100 އަށްވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ.

އޮކްޓޫބަރު 1 އިން 3 އަށް މާލެ ސިޓީ ހޯލްގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކޮންގްރެސް ބާއްވާއިރު، އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ރަށްރަށުގެ އެކި ކައުންސިލްތަކާ ގުޅިގެން 100 އަށްވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އެއީ ކައުންސިލްތަކުގެ އާމްދަނީ އިތުރުވާނެ ފަދަ ޕްރޮޖެކްޓުތަކެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 100 ޕްރޮޖެކްޓަކީ 100 ވިޔަފާރީގެ ފުރުސަތު ކަމަށެވެ. ކޮންގްރެސްގައި ގަސްތުކުރަނީ މި ވިޔަފާރީގެ ފުރުސަތުތައް ވިޔަފާރިވެރިންނަށް ހުޅުވާލުމަށް ކަމަށާއި، އިންވެސްޓު ކުރަން ބޭނުންވާ ވިޔަފާރިތަކަށް ކައުންސިލްތަކާއެކު މަޝްވަރާކޮށްގެން އެ ކަން ފަހިވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރަށްވެހި ތަރައްގީ" ގެ ނަމުގައި ބާއްވާ މި ފޯރަމްގައި ޓޫރިޒަމާއި، ދަނޑުވެރިކަމާއި، މެރިކަލްޗާ، ލޮޖިސްޓިކްސް، އިންފްރާސްޓްރަކްޗާ، ކްލައިމެޓް ފައިނޭންސް، މަސްވެރިކަމާއި، ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ވިޔަފާރިތަކަށް އޮންނާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެ ޕްރޮޖެކްޓުތަކުގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު އެމްޑީޕީން ވަނީ ހުޅުވާލާފަ އެވެ.

ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވުމަށްފަހު ވަނީ ކައުންސިލްތަކާއެކު މަސައްކަތް ކުރުމަށް އެ ޕާޓީގެ އިދާރާގައި ޕްރޮޖެކްޓު އޮފީހެއް އުފައްދަވާފަ އެވެ. އެ އޮފީހުގެ ވެރިޔަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ހަމަޖައްސާފަ އެވެ.