މިއުނިކް (ޖުލައި 1) - ޔޫރޯގައި ވާދަކުރާ ފްރާންސްގެ ޓީމުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށާއި މުބާރާތުގެ ނޮކްއައުޓް ބުރަކީ ދެވަަނަ ފުރުސަތެއް ލިބޭނެ ހިސާބެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

މި މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ފްރާންސް ނުކުންނާނެ އެވެ.

ފްރާންސްއަކީ މި އަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ. އެކަމަކު މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ފްރާންސްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އަދި ފްރާންސް ގުރޫޕް ޑީ ނިންމާލީ ދެވަނައިގަ އެވެ. މި ގުރޫޕްގެ އެއްވަނަ ހޯދީ އޮސްޓްރިއާ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ފްރާންސް މޮޅުވީ އޮސްޓްރިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ގުރޫޕްގައި ދެން ޕޯލެންޑާއި ނެދަލޭންޑްސްއާ ކުޅުނު ދެ މެޗު ފްރާންސް އިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޑެޝޯމްޕްސް ބުނީ ފްރާންސްގެ ޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ ކަމަށާއި "މިހާ ހިސާބުން ދެވަނަ ފުރުސަތެއް ނުލިބޭނެ" ކަމަށެވެ. އަދި ފްރާންސްގެ ޓީމުން މިރޭ ރަނގަޅު ކުޅުމެއް ދައްކާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މުބާރާތުގެ މިހާ ހިސާބުން އެންމެ ބޮޑު ތަފާތަކަށްވާނީ ލިބޭ ފުރުސަތުތައް ނިންމާލުން. އަދި މިހާތަނަށް އެކަން ފްރާންސްގެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް ދަށްކޮށް،" ޑެޝޯމްޕްސް ބުންޏެވެ.

ޔޫރޯ 2020 ގައި ފްރާންސް ގަދަ 16ގެ ބުރުން ކެޓީ ސްވިޓްޒަލޭންޑް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ. މި މެޗުގައި ފްރާންސް އިން ދެ ލަނޑުގެ ލީޑެއް ގެއްލުވާލި އެވެ.

ޑެޝޯމްޕްސް ބުނީ އެ ތަޖުރިބާއިން ފްރާންސް ފިލާވަޅެއް ހޯދާފައިވާ ކަމަށެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓަކަށް ވެސް އެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.