ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލިސްއަށް މިއަދު ހުށަހަޅައިފި އެވެ. މި ގަރާރު ހުށަހަޅުއްވާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ގަރާރު ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވީ ވޭތުވެދިޔަ މަޖިލީހުގެ ހަތަރު ދައުރުގައި 16 މެންބަރުން އިތުރުވެފައިވާ ކަމަށާއި މި ގޮތަށް އިތުރުވެގެން ދިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ކޮންމެ ރިޔާސީ އިންތިހާބެއްގެ ދުވަސްވަރު ރައްޔިތުން މަޖިލިސް މެންބަރުންގެ އަދަދުގެ ވާހަކަ ދެކެވުނު ނަމަވެސް މިކަމަށް ހައްލު ލިބިފައި ނުވާކަން ޝުޖާ ފާހަގަކުރެއްވި އެވެ.
މި މައްސަލައަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވީނަމަވެސް ވޭތުވެދިޔަ މަޖިލިސް ދައުރުތަކަށް މިކަމަށް ހައްލެއް ހޯދިފައިނެތް ކަން ޝުޖާއު ފާހަގަކުރެއްވި އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި 77 އިން 18 ވަނަ މަޖިލީހުގައި 85 އަށް މެންބަރުންގެ އަދަދު މަތިވެ، 19 ވަނަ މަޖިލީހުގައި 87 އަދި މި ހިނގާ ދައުރުގައި މެންބަރުންގެ އަދަދު ވަނީ 93 އަށް އިތުރުކޮށްފަ އެވެ.