އުރަމަތީގެ ކެންސަރު ޖެހިފައިވާ ޓީވީ ބަތަލާ ހީނާ ޚާން އެވޯޑް ހަފްލާއެއް ނިންމާލުމަށްފަހު އެންމެ ފުރަތަމަ ދިޔައީ ބައްޔާ ގުޅިގެން ނަގަންޖެހޭ ކީމޯތެރަޕީ ފަރުވާ ހޯދުމަށް ކަމަށް ބަތަލާ ބުނެފި އެވެ.

ބަތަލާ ހީނާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކެންސަރު ބައްޔަށް ދޭ ކީމޯތެރަޕީގެ ފުރަތަމަ ކީމޯއަށް އޭނާ ދިޔައީ އެވޯޑް ހަފްލާއެއްގައި ބައިވެރިވުމަށްފަހު ކަމަށެވެ.

ހީނާއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ހީނާ އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އޭނާ މިވަގުތު ތަހައްމަލު ކުރަނީ އުރަމަތީގެ ކެންސަރުގެ ސްޓޭޖް ތިނެއް ކަމަށެވެ. ކެންސަރުގެ އުނދަގޫތަކާއި ގޮންޖެހުންތަކާއެކު ވެސް އޭނާ ހުންނާނީ ގަދަ ހިތްވަރާއެކު އެ ބަލިން އަރައިގަތުމުގެ އަޒުމުގައި ކަމަށް ވެސް ހީނާ ބުނެފައިވެ އެވެ.

https://www.instagram.com/p/C844rlVIgcl/

ހީނާ އާއްމުންގެ މަގުބޫލުކަން ހޯދާފައިވަނީ ސްޓާ ޕްލަސްއިން ދެއްކި "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ"އާއި "ކަސޯޓީ ޒިންދަގީ ކީ 2" އިންނެވެ.

މީގެ އިތުރުން ހީނާ ވަނީ މަޝްހޫރު ހިންދީ ރިއަލިޓީ ޝޯތައް ކަމަށްވާ "ކަތުރޯ ކޭ ކިލާޑީ"ގެ އަށް ވަނަ ސީޒަން އާއި "ބިގް ބޮސް"ގެ 11 ވަނަ ސީޒަންގައި ބައިވެރިވެފަ އެވެ.

ހީނާ ކުޅުނު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ހެކްޑް"، "ސްމާޓްފޯން"، "ލައިންސް"، "ވިޝްލިސްޓް" އަދި "އަންލޮކް" ކަހަލަ މަދު ފިލްމުތައް ހިމެނެ އެވެ. އަދި ވެބް ސީރީޒެއް ކަމަށްވާ "ޑެމޭޖްޑް 2"ގެ ދެވަނަ ސީޒަންގެ ރޯލެއް ވެސް އޭނާ ކުޅުނެވެ.

ހީނާއަކީ މިވަގުތު ޓީވީ އިންޑަސްޓްރީގައި ހިމެނޭ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.