ހައްދު ޖެހުމަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ކްރިމިނަލް ކޯޓުގައި މި ވަގުތު ދޭވާނީއެއް ނެތުމުގެ ސަބަބުން ހައްދު ޖެހުން ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވެފައިވަނީ ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ މަޢުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ހައްދު ހުކުމް ތަންފީޒު ކުރުން ކްރިމިނަލް ކޯޓުން އަމިއްލައަށް ކުރިއަށް ގެންދާނެ ގޮތަކާމެދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ހައްދުގެ ހުކުމް ކުރި ނަމަވެސް ހައްދު ޖަހާނެ މީހަކު ނެތުމުގެ ސަބަބުން އެ ހުކުމް ތަންފީޒު ނުކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

ހައްދުގެ ހުކުމް ތަންފީޒު ކުރުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއެއްގެ ގޮތުގައި އޮތް ނަމަވެސް ހައްދުގެ ހުކުމް ތަންފީޒުކުރުން ކޯޓުން އަމިއްލައަށް ކުރާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ދޭވާނީއެއް ހޯދަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 26 ގައި އިއުލާން ކޮށްފައިވާއިރު މާދަމާ މުއްދަތު ހަމަވާނެ އެވެ.