ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަކުރަން ލާޒިމުވާ ގޮތަށް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 56 މެންބަރަކު ވޯޓު ދީފައިވެ އެވެ.

ކުއްލި މައްސަލައާ ގުޅޭ ގޮތުން މީކާއިލް ވިދާޅުވީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ އިހުތިޔާރުގެ ބޭނުން ހިފައި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ވަޒީފާއަށް މީހުން ވައްދައިފައިވުމުގެ ސަބަބުން މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވެ، ކުންފުނިތައް ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށެވެ.

"ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިނިސްޓަ އޮފް ފިނޭންސްގެ އަރިހުން އެދުމުން ވެސް، އެ މައުލޫމާތު އެ ކޮމިޓީއަށް ވެސް ފޯރުކޮށްދީފައި ނުވާ ހިނދު،" މީކާއިލްގެ ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މީކާއިލް ހުށަހެޅި މައްސަލާގައި އިތުރަށް ބުނެފައިވަނީ ނޫސްވެރިންނާއި އާންމުން ވެސް ސިޔާސީ މަގާމްތަކުގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުނު ނަމަވެސް އެ އަދަދު ހާމަކުރަން އިންކާރު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމުލަ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމުލަ އަދަދު، ހާމަކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދިނުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ. އަދި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދޫކޮށްދިނުމަށް ސަރުކާރަށް ލާޒިމު ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

މިއީ، 20 ވަނަ މަޖިލީހުގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ބޭރު ކޮށްލި ފުރަތަމަ ފަހަރެވެ.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ވިދާޅުވިޔަސް، އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން މަގާމުތަކަށް އައްޔަންކޮށްފައިވާ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކުރެ އެވެ.