މި މަހު 1 ގައި ފެށި ދުނިޔޭގެ އެންމެ ދުވަސްވީ ޓެނިސް މުބާރާތް ވިންބްލްޑަންގައި އިނގިރޭސި ޝާހީ އާއިލާގެ އަމީރާ ކޭޓް މިލްޑްޓަން ފެންނާނެކަމުގެ ސުވާލު އުފެދިއްޖެ އެވެ.

ވިންބްލްޑަން މުބާރާތް އޮންނަނީ ލަންޑަންގަ އެވެ. އުމުރުން 42 އަހަރުގެ ކޭޓްއަކީ އޯލް އިންގްލެންޑް ކްލަބްގެ ޕެޓްރޯންކަމަށް ވުމާއެކު އޭނާ ކޮންމެ އަހަރަކު ވެސް މި މުބާރާތުގެ ހަފްލާތަކުގައި ބައިވެރިވެ އެވެ.

މިއަހަރު ކުރީކޮޅު ކޭޓް ވަނީ އޭނާ އަށް ކެންސަރުޖެހިފައިވާ ކަން އިއުލާންކޮށްފަ އެވެ. އަދި އޭނާ ކީމޯތެރަޕީ ހަދަމުންދާ ކަމަށް ބުނެފަ އެވެ. ބަލީގެ ސަބަބުން 6 މަސް ދުވަސް ވަން އާންމުންނަށް ކޭޓް ފެނިފައެއް ނުވެ އެވެ.

މި ދިޔަ މަހުގެ އޭނާ ވަނީ ފުުރަތަމަ ފަހަރަށް ޝާހީ މަސައްކަތުގައި ބައިވެރިވެފަ އެވެ. އެއީ އިނގިރޭސިންގެ "ޓްރޫޕިންގް ދަ ކަލާ" ހަފްލާ އެވެ.

ވިންބްލްޑަންގެ އިވެންޓް އޯގަނައިޒަރުން ތިބީ ކޭޓް މި މުބާރާތުގެ ހަފްލާއެއްގައި ބައިވެރިވާނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް ކޭޓްގެ ސިއްހަތަކީ އެންމެ ފުރަތަމަ އަންނާނެ ކަމެއްކަން ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

ކޭޓް އަދިވެސް ދަނީ ކީމޯތެރެޕީ ހަދަމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.