ޒިއޯ ސިނަމާއިން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް އޯޓީޓީ 3" މިހަފްތާގައި އިތުރު ބައިވެރިޔަކު ގެއިން ނެރެލައިފި އެވެ.

އެގޮތުން މިފަހަރު ބިގްބޮސް ގެއިން ނެރެލީ މަޝްހޫރު ޔޫޓިއުބާ އަރްމާން މަލިކް ފުރަތަމަ އަނބިމީހާ ޕާޔަލް މަލިކް އެވެ. ޕާޔަލްގެ ކުރިން ބިގްބޮސް ގެއިން ނިކުމެފައި ވަނީ އިންޑިއާގެ ބޮކްސިން ތަރި ނީރަޒް އެވެ.

ޕާޔަލް އިން ބިގްބޮސް ގެއިން ނިކުމެފައިވާއިރު މިހާރު ތިބީ 14 ބައިވެރިންނެވެ.

ޕާޔަލް ވަނީ އެލިމިނޭޝަންއަށް ފަހު އިންސްޓަގްރާމްގައި ފޭނުންނަށް ޝުކުރު އަދާކޮށް ވީޑިއޯއެއް ހިއްސާ ކޮށްފަ އެވެ. އަދި އޭނާ ޝޯއިން ވަކިވާން ޖެހުނީ ވޯޓް ނުލިބިގެން ނޫން ކަމަށް ޕާޔަލް ބުންޏެވެ.

ޔޫޓިއުބާ އަރްމާން މާލިކް ދެ އަނބިންނާއެކު ބިގްބޮސް އޯޓީޓީ3 ގައި ބައިވެރިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

ގެއިން ނިކުތުމަށްފަހު ޕާޔަލް އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަރްމާން ޕާޔަލްގެ ބެސްޓް ފްރެންޑާ ކައިވެނި ކުރުމުން ވަރަށް ދެރަވި ކަމަށެވެ. އަދި އެކަމާ ވީދެރައިން ދަރިފުޅު ގޮވައިގެން އެއްއަހަރު ވަންދެން ދުރުގައި ހުރި ކަމަށް ބުންޏެވެ.

އޭނާ ބުނީ އަރްމާންއާ ވަކިން ނޫޅެވޭނެ ކަމަށާއި އަދި އަރްމާން އަށް ދެ އަނބިން ކުރެން އެއްވެސް މީހަކު ދޫކޮށް ނުލެވޭނެ ކަމަށެވެ. އޭނާގެ ދަރިފުޅު ގޮވައިގެން އެކަނި އުޅުނު އެއް އަހަރު ދުވަހުގެ ހަނދާން އާ ކުރަމުން އޭނާ ބުނެފައި ވަނީ އެއީ ހިތްދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް ފަހުން އެނބުރި ގެއަށް ގޮސް މައްސަލަތައް ހައްލުކޮށް އަރްމާން އާ އޭނާގެ ހަނގު އަނބި ކަރްތިކާ އާއެކު އުޅެން ނިންމީ ކަމަށާއި މިހާރު އެމީހުންނަކީ ވަރަށް ސުލްހަވެރިކަމާއެކު އުޅޭ ފުރިހަމަ އާއިލާއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އަރްމާން މާލިކް އޭނާގެ ދެ އަނބިންނާއެކު

މިމަހުގެ 21 ވަނަ ދުވަހުގެ ރޭ "ބިގްބޮސް އޯޓީޓީ 3" ފަށާފައި ވަނީ 16 ބައިވެރިންނާއެކު އެވެ. މިފަހަރުގެ ސީޒަން ހުށަހަޅައިދެނީ ސަލްމާން ޚާންގެ ބަދަލުގައި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު އެވެ.

މިފަހްތާގައި އަދި އިތުރު ބައިވެރިޔަކު ގެއިން ނެރެލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/C86HOqVK7Zb/

މިހާރު ބިގްބޮސް ގޭގައި ތިބީ "ވަޑާ ޕައޯ ގާލް" ނަމުގައި މަޝްހޫރުކަން ހޯދާފައިވާ ޗަންދްރިކާ ޑިކްސިޓް، 31 އަހަރު މީޑިއާގައި ހަރަކާތެރިވެފައިވާ ދީޕަކް ޗައުރަސިއާ އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ރަންވީރު ޝޯރޭ އާއި ޔޫޓިއުބަރު އަރްމާން މާލިކް އާއި އޭނާގެ ދެ ވަނަ އަނބިން ކްރިޓިކާ މާލިކް އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ ވިޝާލް ޕާންޑޭ އާއި ލަވް ކަޓަރިއާ އާއި ނައީޒީ އާއި ޕައުލްމީ ޕޮލޯ ދާސް އާއި ޝިވާނީ ކުމާރީ އާއި އެކްޓަރު ސައި ކެޓަން ރާއޯ އާއި މުނީޝާ ޚަޓްވާނީ އަދި ސަނާ މަކްބުލް އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ސީޒަންގައި ބައިވެރިންނަށް ފޯނު ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި "ބިގް ބޮސް" ގެއިން ބޭރުގެ ހަބަރުތައް ބައިވެރިންނަށް ލިބިގެންދާނެ އެވެ.