ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ ސީއީއޯ މާކް ޒަކަބާގްއަކީ ހަމަގައިމު ވެސް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭނެ މީހެކެވެ.
އެހެން ނަމަވެސް މަލްޓި މިލިއަން ޑޮލަރުގެ އާމްދަނީއާއެކު ވެސް އޭނާ ޝައުގުވެރިވާ ވަރަށް އާދައިގެ ހުނަރުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ކަމަކީ ހެދުން ފެހުމެވެ.
އެގޮތުން މާކްއަކީ އޭނާގެ ދަރިންގެ ހެދުންތައް އަމިއްލައަށް ޑިޒައިންކޮށް ފަހާ މީހެއް ކަމަށް މީޑިއާ ހަބަރުތައް ބުނެ އެވެ. ހާއްސަކޮށް ތުރީ ޑީ ޑިޒައިންތަކަކީ އޭނާ އެންމެ ލޯބިކުރާ ޑިޒައިންތަކެވެ.
މިކަމާ ބެހޭ ގޮތުން މާކް ބުނެފައިވަނީ އޭނާއަކީ އެއްޗެހި އުފައްދަން ލޯބިކުރާ މީހެއް ކަމަށާއި އެގޮތުގެ މަތިން އަންނައުނު ޑިޒައިންކޮށް ފަހަން ދަސްކުރީ ކަމަށެވެ.
މާކް ވަނީ އޭނާ ޑިޒައިން ކޮށްފައިވާ ހެދުންތަކެއް އޭނާގެ ދަރިން ލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
މާކްގެ ޑިޒައިންތަކުގެ ރީތިކަން ފާހަގަކޮށް އެއީ މެޓް ގާލާއަށް ވެސް އެކަށޭނަ ޑިޒައިންތަކެއް ކަމުގައި އެ ޕޯސްޓަށް ކޮމެންޓްކުރި މީހުން ބުނެފައިވެ އެވެ.