ވ. އަތޮޅު ބޮޑުފިނޮޅު، ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދުގެ ކާނި ހޮޓަލްސްއަށް ސަރުކާރުން ދިގު މުއްދަތަކަށް ކުއްޔަށް ދީފި އެވެ.

ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހުސައިން ވަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ފިނޮޅު ވިއްކާލާފައިވަނީ 729،000 ޑޮލަރު (11.2 މިލިއަން ރުފިޔާ)އަށް ކަމަށެވެ.

އެ ފަޅު ވިއްކާލި ކާނި ހޮޓަލްސްއަކީ ކ. މާފުށީގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓްހައުސް ހިންގާ ކުންފުންޏެވެ.

އެ ފިނޮޅަކީ ވ. އަތޮޅާއި ކ. އަތޮޅުގެ ގެސްޓްހައުސްތަކުގެ އިތުރުން ރިޒޯޓްތަކުން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ފަތުރުވެރިން ގޮސް އުޅޭ ތަނެކެވެ. އެއީ އެ އަތޮޅުގައި ނުގިރައި ސަލާމަތުން އޮތް ހަމައެނި ފިނޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ އެތަން ދިގު މުއްދަތަކަށް ކުއްޔަށް ނުދީ އޮތްގޮތަށް ބޭއްވި ނަމަވެސް ދައުލަތަށް އެތަނުގެ ސަބަބުން ލިބޭ އާމްދަނީ މާ ގިނަވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ކާނި ހޮޓެލްސްގެ ބަހެއް ނުލިބެ އެވެ. އަދި ސަރުކާރުން ވެސް މިކަމާ ގުޅޭގޮތުން ވަކިއެއްޗެއް ނުބުނެ އެވެ.

މިކަމާ ގުޅޭގޮތުން ކެޔޮދޫ ދާއިރާގެ މެމްބަރު ނިއުޝާދު މުހައްމަދު ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނާ ހިލާފަށް އަތޮޅުތަކުގެ ގުދުރަތީ ވަސީލަތްތައް ވިއްކުން ހުއްޓާލަންޖެހޭ ކަމަށެވެ.

"މިއީ ވ. އަތޮޅު އަދި މުޅި ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭނެ ގެއްލުމެއް. ގެސްޓްހައުސް ވިޔަފާރި ފުނޑާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން ހިންގާ ގާނޫނާ ހިލާފު މިޖަރީމާތައް ކުއްވެރިކުރަން،" ފޭސްބުކުގައި ނިއުޝާދު ވިދާޅުވެފައިވެ އެވެ.