ސްޓުޓްގާޓް (5 ޖުލައި) – މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފަހު މިނިޓުގައި ސްޕެއިންގެ މިޑްފިލްޑަރު މިކެލް މެރީނޯ ޖެހި ލަނޑާއެކު ޔޫރޯގެ ކުއާޓާ ފައިނަލްގައި މިރޭ މުބާރާތުގެ ހޯސްޓް ޖަރުމަން އަތުން 2-1 އިން މޮޅުވެ، ސްޕެއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ސްޕެއިން އިން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ޑެނީ އޮލްމޯ ކާމިޔާބުކުރި ލަނޑުންނެވެ. ޒުވާން ވިންގާ ލަމީން ޔަމާލް ޖައްސާލި ބޯޅަ، އޮލްމޯ ތިރިތިރިން އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.
މި ލަނޑާއެކު ސްޕެއިން މެޗުން މޮޅުވާން ދަނިކޮށް، ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 89 ވަނަ މިނިޓުގައި ފްލޯރިއަން ވިޓްޒް ކާމިޔާބުކުރި ލަނޑުންނެވެ. ސްޕެއިން އޭރިޔާ ތެރެއަށް ޖަރުމަންގެ ކުޅުންތެރިން ހުރަސްކޮށްލި ބޯޅަ ޖޮޝުއާ ކިމިޗް ބޮލުން ތިރިކޮށްލުމުން، އޭރިޔާ ތެރޭގައި ހުރި ވިޓްޒް ވަނީ އެއް ފަހަރުން ގޯލަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައިވެސް ދެ ޓީމު އެއްވަރުވެ، ޕެނަލްޓީއަށް ދާނެ ކަމަށް ބެލެވިފައިވަނިކޮށް ސްޕެއިން އިން ކުރި ހޯދީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި މެރީނޯ އިތުރު ވަގުތުގެ ފަހު މިނިޓުގައި ޖެހި ލަނޑުންނެވެ.
އޮލްމޯ ޖެރުމަންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މެރީނޯ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
ސްޕެއިން ސެމީ އަށް ދަތުރުކުރީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ސްޕެއިން އަކީ މި މުބާރާތުގައ ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓަމުންދާ ހަމައެކަނި ޓީމެވެ.