ފްރާންސްގައި އާދީއްތަ ދުވަހު ބޭއްވި އިންތިހާބު ނިމިގެން ދިޔައިރު އެއްވެސް ބަޔަކަށް ގަނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ.

އިންތިހާބުގައި ވާތު ފިޔައިގެ ޕާޓީތަކަށް ހީނުކުރާވަރުގެ ބޮޑު ކާމިޔާބެއް ލިބުނު ނަމަަވެސް ފުރިހަމަ އަޣުލަބިއްޔަތު އެ ޕާޓީތަކަށް ވެސް ނުލިބެ އެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ނަތީޖާތައް ދައްކާ ގޮތުން އެއްވަނަ ހޯދި ނިއު ޕޮޕިއުލާ ފްރަންޓް ވާތު ފިޔައިގެ ކޯލިޝަނަށް 180 ގޮނޑި ލިބިފައި ވާއިރު ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންގެ މެދުމިނުގެ އިއްތިހާދަށް 160 ގޮނޑި ލިބެ އެވެ. އަދި ކަނާތު ފިޔައިގެ ނޭޝަނަލް ރެލީ ޕާޓީއަށް 140 ގޮނޑި ލިބުނެވެ. އެހެންކަމުން އެއްވެސް ގުރޫޕަކަށް ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ކަމަށްވާ 289 ގޮނޑި ކާމިޔާބެއް ނުވެ އެވެ.

މެރިން ލެ ޕެންގެ ކަނާތު ފިޔައިގެ ނޭޝަނަލް ރެލީ (އާރްއެން) އަށް ދެ ވަނަ ބުރުގެ ވޯޓު ކާމިޔާބު ކުރެވޭނެ ކަމަށް ހިޔާލު ހޯދުންތަކުން ލަފާކުރި ނަމަވެސް އެ ޕާޓީ ދިޔައީ ތިން ވަނަ އަށެވެ.

މިދިޔަ މަހު ބޭއްވި ޔޫރަޕިއަން ޕާލަމެންޓް އިންތިހާބުގައި އާރްއެން އަށް ކާމިޔާބު ލިބުމާއި ގުޅިގެން ސިޔާސީ މަސްރަހު ސާފުކުރުމަށް އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލެއްވި ރައީސް އެމަނުއެލް މެކްރޮން އަށް ވެސް މި ނަތީޖާއަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެން ދާނެ އެވެ.

މި ނަތީޖާގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން އާއި ބޭރުގެ އެހެން ގައުމުތަކުގައި ފްރާންސްގެ ދައުރު ބަލިކަށިވެ، އެތެރޭގެ އެޖެންޑާތައް ކުރިއަށް ގެންދަން ވެސް ދަތިވާނެ ފަދަ ގޮތަކަށް ގާނޫނު ހަދާ މަޖިލިސް އެތުރިގެން ދާނެ އެވެ.

މި އިންތިހާބަކީ ބޮޑު ތިން ގްރޫޕަކަށް ބެހިގެން ކުރިއަށް ދިޔަ އިންތިޚާބެކެވެ. އެއީ ކަނާތު ފިޔައިގެ ޕާޓީތަކާއި ވާތު ފިޔަ އަދި މެދުމިނުގެ އިއްތިހާދެކެވެ.