ރެސްޓް ދުވަހަކީ ހަށިގަނޑު ރިވަކާވުމަށް ވަގުތު ދިނުމުގެ ގޮތުން ތިމާގެ އާދައިގެ ކަސްރަތު ޕްރޮގްރާމުން ބްރޭކެއް ނަގާ ދުވަހެކެވެ. ރެސްޓް ދުވަސް ނެގުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިއްމު ކަމެކެވެ. އެއީ ތިމާގެ ހަށިގަނޑާއި ސިކުނޑި ރީސެޓްކޮށް، ރަނގަޅުވުމަށް ވަގުތު ދިނުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އެކި މީހުންނަށް ކަސްރަތުން ރެސްޓު ބޭނުންވާނީ އެކި ވަރަށެވެ. ބައެއް މީހުން އެއްދުވަހުން ފުއްދާލެވުނަސް އަނެއްބައި މީހުންނަށް ދެ ދުވަސް ވެސް ނަގަން ޖެހިދާނެ އެވެ.

ރެސްޓު ދުވަސް ނެގުމުގެ ފައިދާތައް:

1. މަސްލް ރިކަވަރީ އަވަސް ކުރުން

ކަސްރަތު ކުރާ ވަގުތުގައި މަސްލް ޓިޝޫތައް ހަލާކުވެ އެވެ. މި މަސްތައް ޖެހޭނީ އަލުން އުފައްދާ ވަރުގަދަ ކުރުމަށެވެ. ހަށިގަނޑު ވަރުގަދަ ވާނީ މިގޮތަށެވެ. މަސްގަނޑު ވަރުގަދަ ކުރުމަށް ވަގުތާއި ރެސްޓު ބޭނުންވާނެ އެވެ.

2. މަސްލް ގްރޯ ކުރުމަށް

ހަށިގަނޑުގެ ވަކި މަސްގަނޑެއް ( މިސާލަށް ފައި ނުވަތަ އަތް ) ބޮޑު ކުރުމަށް ހަށިގަނޑަށް ވަގުތު ދޭން ޖެހޭނެ އެވެ. މަސްގަނޑު ބޮޑުކުރަން ބޭނުންވާ މީހަކު ރެސްޓު ދުވަސް ނުނަގާ ކަމުގައިވާނަމަ، ބޭނުންވާ ނަތީޖާ ނުފެނި ލަސްވުން އެކަށީގެންވެ އެވެ.

3. އިންޖަރީ ރިސްކު ކުޑަކުރުން

މާބޮޑަށް ހަށިގަނޑު ވަރުބަލިވެ މަސްގަނޑު ދެރަވެއްޖެނަމަ ފަސޭހައިން އަނިޔާ ލިބުން އެކަށީގެންވެ އެވެ. އަނިޔާގެ ރިސްކު ކުޑަކުރުމަށް މަދުވެގެން ހަފްތާއަކު އެއްދުވަހުގެ ރެސްޓު ނަގާށެވެ.

5. ނަފްސާނީ ދުޅަހެޔޮކަން

ސިކުނޑިއަކީ ވެސް ވަރުބަލިވާ އެއްޗެކެވެ. މާބޮޑަށް ސިކުނޑިވަރުބަލި ވެއްޖެނަމަ ކަސްރަތުކުރަން ފޫހި ވެދާނެ އެވެ. ކަސްރަތަށް ހުންނަ ޝައުގުވެރިކަން ދެމެހެއްޓުމަށް ރެސްޓު ދުވަސް މުހިއްމެވެ.