ދެހާހުގެ އަހަރުތަކުގައި މަޝްހޫރުވި ރެސްލަރު ޖޯން ސީނާ 2025 ގައި ވޯލްޑް ރެސްލިން އެންޓަޓެއިންޓްމެންޓް އިން ރިޓަޔާކުރުމަށް ނިންމައިފި އެވެ.

އޭނާ މިކަން އިއުލާންކޮށްފައި ވަނީ ކެނެޑާގެ ޓޮރޮންޓޯގައި ބޭއްވި އިވެންޓެއްގަ އެވެ. "2025 ގެ ރޯޔަލް ރަންބަލްއަކީ އަހަރެންގެ އެންމެ ފަހު ރޯޔަލް ރަންބަލް، 2025 ގެ އެލިމިނޭޝަން ޗެންބާ އެއީ އެންމެ ފަހުގެ އެލިމިނޭޝަން ޗެންބަ. އަދި 2025 ގެ ވްރެސަލްމޭނިޔާ އެއީ އަހަރެންގެ އެންމެ ފަހުގެ ވްރެސަލްމޭނިޔާ،" ޖޯން ސީނާ ބުނެފައިވެެ އެވެ.

މި އިވެންޓުގައި ސަޕޯޓަރުންނަށް އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި އޭނާއަށް ދީފައިވާ ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ.

އިވެންޓަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ސީނާ ބުނެފައި ވަނީ، ރިޓަޔާކުރި މައިގަނޑު ސަބަބަކީ ޖިސްމާނީ ގޮތުން މި މަސައްކަތުގައި އިތުރަށް ކުރިއަށް ދެވެން ނެތުމުން ކަަމަށެވެ.

ރެސްލަރެއްގެ ގޮތުގައި މަޝްހޫރުވި ޖޯން ސީނާ ވަނީ އެކްޓިން ކުދި ކުދި މަސައްކަތް ވެސް ކޮށްފަ އެެވެ.