ޖަޕާނުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ސާރިދޯޅުތައް ގޮސް ހަމަލާ ދިނުން އިތުުރުވެއްޖެ އެވެ.

މި އަހަރު ތެރޭގައި މިހާތަނަށް އެ ގައުމުގައި މިފަދަ 219 ހާދިސާއެއް ވަނީ ހިނގާފަ އެވެ. އަދި މި ހާދިސާތަކުގައި ހަ މީހުން ވަނީ ސާރިދޯޅުގެ ޝިކާރާއިގައި ޖެހި މަރުވެފަ އެވެ. މި މައްސަލަ އެންމެ ބޮޑުވެފައި ވަނީ ޖަޕާނުގެ ހޮކައިޑޯގަ އެވެ.

ޖަޕާނުގައި ސާރިދޯޅު މަރާ ހަންޓަރުން ބުނިގޮތުގައި އިންސާނުންނަށް ނުރައްކަލަކަށްވާ ސާރިދޯޅެއް ފަސޭހައިން މަރާލުމަށް ޖަޕާނުގެ ގާނޫނުތައް އިސްލާހުކުރަން ޖެހޭ ކަމަށެވެ. މި ވަގުތު ލައިސަންސް ލިބިފައިވާ ޝިކާރަކުރާ މީހުންނަށް ސާރިދޯޅެއްގެ ގަޔަށް ބަޑި ޖެހޭނީ ފުލުހެއްގެ ހުއްދައާއެކު އެވެ.

"ބެއާ [ސާރިދޯޅު]އަކާ ކުރިމަތިލުމަކީ ބިރުވެރި އަދި ވަރަށް ނުރައްކާތެރި ކަމެއް. ބަޑި ޖަހައިގެން ބެއާއެއް މަރާލެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ،" ހޮކައިޑޯ ހަންޓާސް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ސަޓޯޝީ ސައިޓޯ ވިދާޅުވި އެވެ. "ބެއާއެއް ހުއްޓުވަން ބަޑި ޖަހައިގެން މިސްވެއްޖެނަމަ، އޭތި ފިލައިގެން ގޮސް އެހެން މީހުންނަށް ހަމަލާ ދީފާނެ. އެއަށްފަހު މީހަކަށް ހަމަލާދީފިނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކު؟ "ސަޓޯޝީ ސުވާލުކުރި އެވެ.

ޖަޕާނުގެ އެންމެ އުތުރުގެ ބޮޑު ރަށް ހޮކައިޑޯއަކީ އާބާދީ މަދު ރަށެއް ނަމަވެސް 1990 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ސާރިދޯޅުގެ އާބާދީ ދެގުނަ އަށް ވުރެ އިތުރުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިހާރު އެ ގައުމުގައި ގާތްގަނޑަކަށް 12،000 މުށި ސާރިދޯޅު އުޅޭއިރު، 10،000 ކަަޅު ސާރިދޯޅު އުޅެ އެވެ.