ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް އެއްގަމު އުޅަނދުތަކެއް ހަދިޔާކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ފުލުހުންގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.
ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް މިއަދު ހަދިޔާކޮށްފައި ވަނީ 54 ކާރާއި ހަތަރު ވޭން އެވެ. މީގެ ކުރިން ވެސް ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެ އެވެ. އެތަކެތީގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކާސާ ފީލްޑް ޓެސްޓް ކިޓް އަދި ރަމަން ހޭންޑް ހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ޝުޖާއު ވިދާޅުވީ މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަންޖެހިފައިވާ ކަަމަށެވެ. އަދިި އެކަން ކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށްގެން ކަމަށާއި ޖަޕާނު ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކާއެކު ފުލުހުންގެ މި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހަމައެހެންމެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުުރުން، ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެެ.