ފްލެޓް މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާޒިރުނުވުމުން މެމްބަރުން ނުރުހުން ފާޅުކޮށްފި އެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 11:00 އަށެވެ. މި ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އިސްވެރިންނާ ސުވާލުކުރުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށުމަށް ފަހު އެ ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ، މިނިސްޓަރަށް ވަޑައިގެންނެވެން ނެތްކަން އަންގަވާފައިވާ ކަމަށެވެ.

މިނިސްޓަރު ހައިދަރަށް ކޮމިޓީއަށް ވަޑައިނުގެންނެވުނީ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ކެބިނެޓް ބައްދަލުވުމެއް ދިގުލައިގެން ދިއުމުން ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ. ހެނދުނު 11:00 ޖަހާއިރަށް ކޮމިޓީ ބައްދަލުވުން ތާވަލްކުރީ އެހާއިރަށް ކެބިނެޓް ބައްދަލުވުން ނިމޭނެ ކަމަށް މިނިސްޓަރަށް ލަފާކުރެއްވޭތީ އެގޮތަށް ބައްލަވައިގެން ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ.

"ނަމަވެސް ކަންދިމާކުރި ގޮތުން ކެބިނެޓް ބައްދަލުވުން އެހާއިރަށް ނިމޭގޮތް ނުވުމުން މިނިސްޓަރަށް މިގަޑިއަށް ކޮމިޓީއަށް ވަޑައިނުގެންނެވުނީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ހައިދަރު ކޮމިޓީއަށް ވަޑައިނުގަތުމުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީ އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.

އޭނާ ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމަށް މިނިސްޓަރު ހައިދަރު ވަޑައިނުގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މިނިސްޓަރު އަމަލުކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށްވާ އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ މިނިސްޓަރު ހައިދަރު މިއަދު ކޮމިޓީއަށް ވަޑައިނުގެންނެވީ "ހަމަ ގަސްދުގައި" ކަމަށެވެ. އެކަން ތަކުރާރުވާން ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ހައިދަރު ކޮމިޓީއަށް ވަޑައިނުގަތުމުން ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވެސް ނުރުހުން ފާޅުކުރެއްވި އެވެ.