ބަންގްލަދޭޝްގެ ވަޒީފާ ކޯޓާ ސިސްޓަމް އުވާލުމަށް ގޮވާލާ ކިޔަވާ ކުދިން ހޯމަ ދުވަހު ވަރުގަދަ މުޒާހަރާއެއް ކޮށްފި އެވެ.

ބަންގްލަދޭޝްގެ ވަޒީފާ ކޯޓާ ސިސްޓަމް އޮންނަ ގޮތުން ސަރުކާރުގެ ވަޒީފާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވަޒީފާ ރިޒާވްކޮށްފައި ހުންނަނީ ވަކި ބަޔަކަށެވެ. އޭގެ ތެރޭގައި 1971 ގައި ޕާކިސްތާންގެ އަތުން މިނިވަންވުމަށް ކުރި ހަނގުރާމައިގައި ބައިވެރިވި މީހުންގެ ދަރިން ހިމެނެ އެވެ.

ކޯޓާ ނިޒާމުގެ ދަށުން އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނަސްލީ މައިނޯރިޓީ ގްރޫޕްތަކަށް ވެސް ސަރުކާރުގެ ވަޒީފާތައް ހާއްސަކުރެ އެވެ.

ދެހާސް އަށާރައިގައި މި ކޯޓާ ސިސްޓަމްގެ ސަބަބުން މުޒާހަރާކޮށް ސިސްޓަމް ސަސްޕެންޑް ކުރި އެވެ. ނަމަވެސް މިދިޔަ މަހު އަނެއްކާވެސް ސިސްޓަމް ބޭނުންކުރަން ފެށުމުން، ކިޔަވާ ކުދިން ވަނީ މި ކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ނަސްލީ މައިނޯރިޓީ މީހުންނަށް ހަ ޕަސެންޓުގެ ކޯޓާއެއް ދިނުމަށް ކުދިން ތާއިދުކުރެ އެވެ. ނަމަވެސް ހަނގުރާމައިގައި ބައިވެރިވި މީހުންގެ ދަރިންގެ ދަރިންނަށް ވަޒީފާ ރިޒާވްކުރާކަށް ބަންގްލަދޭޝްގެ ކިޔަވާ ކުދިން އެއްބަހެއް ނޫނެވެ. މި މުޒާހަރާ ވަނީ ބަންގްލަދޭޝްގެ އެކި ޔުނިވާސިޓީތަކުގައި ކުރިއަށް ގެންގޮސްފަ އެވެ.

މި މުޒާހަރާގައި ޕޮލިހުންނާއި އެތައް ކުރިމަތިލުންތަކެއް ހިނގާ އެއް ކުއްޖަކު މަރުވެ އެތައް ސަތޭކަ ކުދިންނެއް ވަނީ ޒަހަމުވެފަ އެވެ.