ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ޝެނޮން 2،000 އަކަފޫޓުގެ ބޮޑު ބިމެއް ގަނެފި އެވެ.

ކްރިތީ ބޮޑު ބިމެއް ގަނެފައި ވަނީ އިންޑިއާގެ އަލިބާގުނެވެ. އަލިބާގަކީ މުމްބާއީގެ ދެކުނުން އޮންނަ އައްސޭރިފަށުގެ އަވަށެކެވެ.

މުމްބާއީ އިން 60 މިނެޓުގެ ކަނޑު ދަތުރަކަށް ފަހު ދެވޭ ހިތްގައިމު މި އަވަށަކީ ބޮލީވުޑްގެ އޭ- ލިސްޓް ތަރިން ބޮޑު އަގުގައި ގެތައް ގަންނަ މަޝްހޫރު މަންޒިލެކެވެ.

އަލީބާގު އިން ބިމެއް ގަނެފައިވާކަން އިއުލާނު ކުރަމުން ކްރިތީ ބުނީ އޭނާއަކީ ވެސް އެ ސަރަހައްދުގެ ބިންވެރިއެއް ކަމަށެވެ. އަދި އެސަރަހައްދަކީ މުމްބާއީގެ ހަލަބޮލި ދިރިއުޅުމުން އެކަހެރިވެލުމަށް އެންމެ ރަގަޅު ސަރަހައްދު ކަމަށް ވެސް ކްރިތީ ބުންޏެވެ.

https://www.instagram.com/p/C9XwvGMzboE/?img_index=1

ކްރިތީ އަލީބާގުން ބިމެއް ގަނެފައިވާއިރު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ވެސް ވަނީ އެ ސަރަހައްދުން 10،000 އަކަފޫޓުގެ ބިމެއް ގަނެފަ އެވެ.

އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ވެސް ލިބިފައިވާ ބަތަލާ ކްރިތީއަކީ ފިލްމު ކުޅުމުގެ އިތުރުން ވިޔަފާރީގައި ހަރަކާތެރިވަމުން އަންނަ ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ ބްލޫ ބަޓަފްލައި ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސެއް ވެސް ލޯންޗްކޮށްފަ އެވެ. އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ މަގުސަދުގައި ފިޓްނަސް ސްޓާޓްއަޕަކަށް ވެސް އިންވެސްޓްކޮށްފައިވެ އެވެ.

ކްރިތީ އެންމެ ފަހުން ފެނިގެންދިޔައީ "ކްރޫ" އިނެވެ. ބަތަލާ ދެން ފެނިގެންދާނީ އޭނާ ކޯ ޕްރޮޑިއުސް ކުރާ "ޑޯ ޕަޓީ" އިންނެވެ. ފިލްމުގެ ޕްރައިމަރީ ރޯލުން ކާޖޮލް ވެސް ފެނިގެންދެ އެވެ.