ރާއްޖޭގައި ކުށްވެރިން ރޭވުންތެރިކަމާ އެކީގައި ކުށްތަކަށް އަރައިގަންނަނީ ފުލުހުންނާއި ގާޒީން އެމީހުންގެ ފަހަތުގައި ތިބެފައި، އެމީހުން ނުބެދޭނެ ކަން ޔަގީންވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި މަސްތުވާތަކެއްޗާ އަދި މި ނޫނަސް ބޮޑެތި ވައްކަމުގެ މައްސަލަތަކުގައި އެއްގޮތަކަށް ވެސް މައްސަލަ ސާބިތު ނުވާ ކަމަށެވެ.

ގާޒީންގެ ވިސްނުން ހުންނަނީ އަބަދުވެސް ކޮންމެވެސް ކަހަލަ 'ލޫޕްހޯލެއް' ބޭނުންކޮށްގެން ނުވަތަ ކޮންމެވެސް އެހެން ގޮތަކުން ކުށްކުރި މީހާ ސަލާމަތް ކުރުމަށް ކަމުގައި ސަލީމް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"ކުށްކުރާ މީހުންނަށް މިއަދު އެބަ ޔަގީންވޭ ތިމަންނަމެން މިކަމުގައި ނުބެދޭނެކަން. އަދި އެމީހުން މިއަދު މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ނުބެދޭނެ ކަހަލަ ސިސްޓަމަކަށް ރާވައިގެން ރޭވުންތެރިކަމާއެކީގައި (ކުރިއަށް ދަނީ). އަޅުގަނޑު ދަންނަވާނީ ގާޒީންނާއި ބައެއް ފުލުހުންނާ ވެސް ގުޅިގެން މައުލޫމާތު ހޯދައިގެންނޭ މިކަންކަން ކުރިއަށް ގެންދަނީ،" ސަލީމް ވިދާޅުވި އެވެ.

ފުލުހުންގެ ރިޕޯޓުތަކުން ކުށް ކުރި މީހާ، ކުށް ކުރި ކަން އެނގޭ އިރު، ހެކިންނާއި ހެކީގެ ގޮތުގައި އެއް ކުރާ ހުރިހާ އެއްޗަކުން ވެސް ކުށް ކުރިކަން ސާބިތުކޮށްދޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އެކަމަކު، މައްސަލަ ނިމި، ކުށްވެރިޔާ މިނިވަން ވެގެން ދަނީ ކުޑަކުޑަ ކަމެއްގެ ތެރެއިން އެމީހާ ސަލާމަތްވެގެން ކަމުގައި ސަލީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ ވީހާވެސް އިންސާފުވެރި ގޮތެއްގައި ކުށްކުރާ މީހުންނަށް ހައްގު އަދަބު ދިނުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. މި ސަރުކާރުން ހައްގު ނޫން ގޮތުގައި އެއްވެސް މީހަކަށް އަދަބު ލިބެން ބޭނުން ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.