އެމްޑަބްލިޔުއެސްސީ ގެ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރެވިފައިވާ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުނދަގޫވުން ނިމުމަކަށް ގެނައުމަށް އަމާޒުކޮށް އެ ސަރަހައްދުތަކުން ވަސްދުވުން ހުއްޓުވުމުވަށް ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް ބޭނުންކުރަން ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ފުރަތަމަ އޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށްފައި ވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ ހަތަރު ނަމްބަރު ޕަމްޕް ސްޓޭޝަންގައި ކަމަށެވެ.
ނަރުދަމާ ނިޒާމުގެ ޕަމްޕްސްޓޭޝަންގެ ވެންޓިލޭޝަންއަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަމްޕު ސްޓޭޝަންތަކުގައ މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އައު ނިޒާމެއް ޕަމްޕު ސްޓޭޝަންތަކުގައި ބަހައްޓާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ. ވައިސާފުކުރާ މި ނިޒާމުގެ ސަބަބުން ޕަމްޕްސްޓޭޝަންއިން ޖައްވު ތެރެއަށްދާ ވައިގާ ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 ޕަސެންޓަށް ދަށް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެއް އަހަރު ދުވަހު ތެރޭގައި މާލެ ސަރަހައްދުގެ ހުރިހާ ޕަންޕު ސްޓޭޝަންތަކުގައި މިނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް މިނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ޕަމްޕު ސްޓޭޝަން 2 ގައި ކަމަށް އެކުންފުނިން ބުނެ އެވެ.
މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ ޖާގަލިބޭ ތަންތަނުގައި، މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާޕެނަލް ހަރުކޮށް ޕަމްޕްސްޓޭޝަން ތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުންކުރާ ތަންތަނަށް ބަދަލު ކުރެވޭނެ ކަމަށެވެ.
މި ސިސްޓަމް އަލަށް ހަރުކުރެވުނު ސަރަހައްދުގައި މީޑިއާތަކާ ބައްދަލުކުރައްވައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ، މި ޒަމާނީ އައު ނިޒާމަކީ ޕަމްޕު ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަހުގެ ސަބަބުން ތަހައްމަލު ކުރާ އުނދަގޫތަކަށް ދާއިމީ ހައްލެއް ފޯރުކޮށްދިނުމަށް، ކުންފުނިން އެކި ކަހަލަ ދިރާސާކުރުމަށްފަހު ބެހެއްޓިގެން ދިޔަ އައު ނިޒާމެކެވެ. އަދި މިއީ ކުންފުނި ޒަމާނީކޮށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ.
މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، އެމްޑަބްލިޔުއެސްސީ އިން އިސްކަންދީގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.