ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރު ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ބަތަލާ ޖާންވީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ޖާންވީ އެޑްމިޓްކޮށްގެން ފަރުވާ ދެނީ ކާނާ ވިހަވެގެން ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ.

ޖާންވީ އެޑްމިޓްކޮށްފައި މި ވަނީ އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އޭނަގެ އާ ފިލްމު "އުލާޖް" ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި ބިޒީކޮށް އުޅެނިކޮށެވެ. އެގޮތުން ފިލްމުގެ ޕްރޮމޯޝަނަށްފަހު ޖާންވީ ޗެންނާއީ އިން މުމްބާއީއަށް އެނބުރި އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރުވެސް ޖާންވީ ކޮންމެވެސް ވަރަކަށް ބަލި އެވެ. ނަމަވެސް އިއްޔެ ހާލު ސީރިއަސްވެގެން ޖާންވީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިއަދު ނޫނީ މާދަމާ ޖާންވީ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ޖާންވީ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

https://www.instagram.com/p/C9W_97poVih/?utm_source=ig_embed&ig_rid=35278602-bfc0-4185-a654-3051232e1320&img_index=1

ކުރިއަރަމުން އަންނަ ބަތަލާގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މެއިގައި ރިލީޒްކުރި "މިސްޓަ އެންޑް މިސިޒް މާހީ" އެވެ. މި އަހަރުގެ ސެޕްޓެމްބަރުގައި ޖާންވީގެ ފުރަތަމަ ތެލެގޫ ފިލްމު "ދެވާރާ: ޕާޓް 1" ވެސް ރިލީޒްކުރާނެ އެވެ.