ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީގެ ދަރިފުޅު ޝިލޮހް ޖޯލީ ޕިޓް އޭނާގެ ބައްޕަގެ ނަން އުނިކޮށް ނަން ބަދަލުކުރިކަން އާއްމުކޮށް އިއުލާން ކޮށްފި އެވެ.

އެމެރިކާގެ ނޫސްތަކުގައި އުމުރުން 18 އަހަރުގެ ޝިލޮހް އާއްމުކުރި އިއުލާނުގައި އޭނާގެ އާ ނަމުގެ ގޮތުގައި ހާމަކޮށްފައިވަނީ ޝިލޮހް ނުވެލް ޖޯލީ އެވެ.

ޝިލޮހް އޭނާގެ ނަމުން ބައްޕަގެ ނަން އުނިކޮށްފައި މިވަނީ އޭނާގެ މައިންބަފައިންގެ މެދުގައި ވަރީގެ މައްސަލައެއް ކުރިއަށް ދަނިކޮށެވެ. މިއީ ބްރެޑް ޕިޓްއާއެކު އޮތް ގާނޫނީ ގުޅުން ކަނޑާލުމުގެ ގޮތުން އޭނާ އެޅި ބޮޑު ފިޔަވަޅެކެވެ.

މީގެ ކުރިން ޝިލޮހްގެ ދައްތަ ވިވިއެން ވެސް ވަނީ އޭނާގެ ނަމުން ޕިޓްގެ ނަން އުނިކޮށް ނަން ބަދަލުކޮށްފަ އެވެ. އެކަން ވިވިއެން ވެސް ވަނީ އާއްމުކޮށް އިއުލާން ކޮށްފަ އެވެ.

ވިވިއެންއާއި ޝިލޮހްގެ އިތުރުން ވެސް އެންޖެލީނާއާއި ބްރެޑްގެ އެހެން ދަރިންތަކެއް ވެސް ވަނީ ބައްޕަގެ ނަން އުނިކުރަން ނިންމައި އެކަމުގެ މަސައްކަތް ފަށާފަ އެވެ.

އެންޖެލީނާ ޖޯލީއާއި ބްރެޑް ޕިޓްގެ ކައިވެނީގައި މައްސަލަ ޖެހި ވަރީގެ މައްސަލަ ކުރިއަށްދާތާ 8 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ އާއިލާގެ މެދުގައި ތަފާތުވުންތައް އަންނަނީ އިތުރުވަމުންނެވެ.