ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަލްމާން ޚާންއާއި ގޯވިންދާއަކީ އެކުގައި ބެލުންތެރިންނަށް ވަރަށް ކަމުދާ ދެ އެކްޓަރުންނެވެ. އެމީހުން އެކުގައި ފެނުނު ފިލްމު "ޕާޓްނާ" ވެގެންދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.

އެ ފިލްމަށް ލިބުނު ކާމިޔާބާއެކު ފިލްމުގެ ދެވަނަ ބައެއް އުފައްދަން ޕްރޮޑިއުސަރު ޑޭވިޑް ދަވަން އެކްޓަރުންނަށް ހުށައެޅި އެވެ. އެހެން ނަމަވެސް ގޯވިންދާ ވަނީ ސަލްމާންއާއެކު މަސައްކަތް ކުރަން އިންކާރު ކޮށްފަ އެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޯވިންދާ ބުނީ ސަލްމާންއާއެކު މަސައްކަތް ކުރާއިރު ބޭނުންނުވާ ވާދަވެރިކަމެއް އެ ދެ އެކްޓަރުންގެ މެދުގައި ބެލުންތެރިން އުފައްދާ ކަމަށާއި އެއީ އޭނާގެ ކެރިއަރަށް ގެއްލުންހުރި ކަމެއް ކަމަށެވެ.

"އަހަންނަކަށް ނޭނގޭ އަހަރެންގެ ކޯ އެކްޓަރުންނާ އަހަންނާ އަޅާކިޔަނީ ކީއްވެ ކަމެއް. ދެ މީހުންނަށް ވެސް ފިލްމުގައި ވަގުތު ލިބުނީ އެއްވަރަކަށް" ގޯވިންދާ ބުންޏެވެ.

ގޯވިންދާ ބުނީ ސަލްމާންއާއި އޭނާގެ އާއިލާއަކީ ވެސް ގޯވިންދާ ވަރަށް އިހުތިރާމްކުރާ ބައެއ ކަމަށާއި ވާދަވެރިކަމުގައި އެ ގުޅުން ގެއްލެން ބޭނުންނުވާ ކަމަށެވެ.

ޕާޓްނާ 2ގައި ސަލްމާންއާއެކު މަސައްކަތްކުރަން ގޯވިންދާ ދެކޮޅު ހެދުމުން އެ ދެތަރިންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައި ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ގޯވިންދާ ވަނީ ދޮގުކޮށްފަ އެވެ.