ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

އެފަދަ މައްސަލައެއް މިހާރު ފެންމަތިވުމުން، އެކަން ސަރުކާރުން ބަލަމުން އަންނަ ކަމަށް ހީނާ ވިދާޅުވި އެވެ.

މިހާރު ފެންމަތިވެގެން އުޅެނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު ޓެކްސްއާ ގުޅޭ މައްސަލައެއްގައި އަމިއްލަ ކުންފުންޏަކުން މީރާއާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަކާލާތުކުރާ މައްސަލައެކެވެ.

މި މައްސަލަ ފެންމަތީ ހައިކޯޓުގައި އޮތް ޝަރީއަތެއްގައި މީރާގެ ވަކީލުން އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެނައުމުންނެވެ.

މީރާގެ ވަކީލް ވިދާޅުވީ، ކޯޓުގައި އެ އިދާރާ ތަމްސީލް ކުރަނީ ދައުލަތް ކަމަށާއި އެހެންކަމުން ދައުލަތާ ދެކޮޅަށް ކޯޓުގައި ދައުލަތުގެ މިނިސްޓަރަކަށް ވަކާލާތު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މީރާގެ ވަކީލް އެކަން ފާހަގަކުރުމުން ޑެޕިއުޓީ މިނިސްޓަރު މުނައްވަރު ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނެވިޔަސް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަސްމެއް ތަމްސީލް ކުރައްވަން ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

މީރާގެ މައްޗަށް މި ދައުވާ ކުރާއިރު، މުނައްވަރަކީ މީރާއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އިކޮނޮމިކް މިނިސްޓްރީއަކީ ވެސް މީރާ އިން ކުރާ މަސައްކަތްތަކާ އެއްވެސް ވަރަކަށް ގުޅޭ މަސައްކަތްތަކެއް ކުރާ ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އަޑުއެހުން ނިންމާލީ އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެހެން ދުވަހަކަށް އަޑުއެހުމެއް ތާވަލުކުރަން ނިންމައިފަ އެވެ.