އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވާދަ ނުރުރެވޭ ނަމަ، އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު ހާމަކުރައްވައިފި އެވެ.
ދިވެހި ރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ވަހީދު ވިދާޅުވީ ރާއީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ނަމަ، އަދި ކޯލިޝަނުން އެމަނިކުފާނު ބަލައިގެންފިނަމަ އިންތިހާބުގައި ބައިވެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް އޮތީ ކިހާވަރެއްގެ ޔަގީންކަމެއްތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ ކޯލިޝަނުން ގަބޫލުކުރަނީ ރައީސް ޔާމީނަށް އެފުރުސަތު އޮތްކަމަށް ކަމަށާއި އަދި ޕާޓީ ތެރޭގައި މަސައްކަތްކުރަނީ ވެސް އެހެންކަމަށް ގަބޫލުކޮށްގެން ކަމަށެވެ.
ކޯލިޝަންގެ އެޑްވައިޒަރު ޑރ. ވަހީދު ދިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނެމަ، ދެން ކޯލިޝަންނުން އަމަލުކުރާނީ ޕާޓީއަށާއި ގައުމަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު ވެރިކަމަށް ވާދަކުރެއްވުން ކަމަށްވާ ނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.
ކޯލިޝަނުގެ އެޑްވައިޒަރު ވިދާޅުވީ އެފަދަ ހާލަތެއްގައި ޕާޓީގެ ޕްރައިމަރީއެއް ބާއްވާނެ ކަމަށާ އެހެންނަމަވެސް ޕްރައިމަރީއަކާ ބެހޭގޮތުން އެއްޗެއް ދަންނަވަން އަދި މާ އަވަސްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ކުރިން ކުރައްވާފައިވާ ޑރ. ވަހީދު ވިދާޅުވީ ވެވުނު ކޮންމެ ގޮތަކަށް ވެސް ގައުމަށް ހިދުމަތްކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.