އިންޑިއާގެ ކެރެލާ ސްޓޭޓްގައި ނިޕާ ވައިރަސް ޖެހިގެން އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ސްޓޭޓްގެ ހެލްތް މިނިސްޓަރު ވިދާޅުވިގޮތުގައި މި ބަލި ޖެހުމުގެ ހައި ރިސްކު 60 ވަނީ ދެނެގަނެވިފަ އެވެ. ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ އެ ކުއްޖާ އަކީ ޕަންޑިކަޑް އަވަށަށް ނިސްބަތްވާ ކުއްޖެއް ކަމަށާއި އޭނާއާ ކޮންޓެކްޓްވި މީހުން އެކަހެރިކޮށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ކެރަލާގައި އާންމު ތަންތަނުގައި މާސްކު އެޅުމާއި ހޮސްޕިޓަލުގައި ތިބޭ މީހުންނަށް ޒިޔާރަތް ނުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ނިޕާ ވައިރަހަކީ އޫރު އަދި ފްރުޓް ބެޓް ފަދަ ޖަނަވާރުތަކުން ޖެހޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން, ބޮލުގައި ރިއްސުން, ގައިގައި ރިއްސުން, ހޮޑު ލެވުން އަދި ކަރުގައި ރިއްސުން ހިމެނެ އެވެ.

މި ބަލީގެ ސީރިއަސް ހާލަތްތަކުގައި ފީޓަލް އެންސެފަލައިޓިސް (ސިކުނޑިއަށް އަސަރުކުރާ ސީރިއަސް ބައްޔެއް) ޖެހެ އެވެ. މި ބައްޔަށް ފަރުވާ ދޭނެ ބޭހެއް ނުވަތަ ވެކްސިނެއް ނެތުމުން ވައިރަސް ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ބޮޑެވެ. ފަރުވާ އަކީ ސަޕޯޓިވް ކެއާއަށް އެކަނި ދެވޭ ފަރުވާއެކެވެ.

ތަޣައްޔަރުވެފައިވާ ކާނާގެ ޒަރިއްޔާއިންނާއި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވުމުން ވެސް މި ބަލި ފެތުރިދާނެ އެވެ.