ދުބާއީގައި ދިރިއުޅެމުން އަންނަ ފިލިޕީންސްގެ މީހަކު ކީމޮތެރަޕީއާ ނުލާ ކެންސަރަށް ފަރުވާއެއް ހޯދައި އެ ބަލިން އެއްކޮށް ސަލާމަތް ވެއްޖެ އެވެ.

ރޮވޭނާ ވަސްކުއޭޒް ނަމަކަށް ކިޔާ 45 އަހަރުގެ އެ މީހާއަށް އެންމެ ފުރަތަމަ އުރަމަތީގެ ކެންސަރު ޖެހުނީ 2020 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާގެ ވާތް ފަރާތު އުރަމަތި ސާޖަރީއަކުން ވަަކި ކުރީ އެވެ.

އޭގެ ދެ އަހަރު ފަހުން 2023 ވަނަ އަހަރު އަލުން ކެންސަރުގެ އަލާމާތްތައް ފެންނަން ފެށުމާއެކު ޑޮކްޓަރަށް ދެއްކުމުން ކަނާތް ފަރާތު އުރަމަތީގައި ވެސް ކެންސަރު ސެލް އެކުލެވޭ ހަތް މިލިމީޓަރުގެ ގޮށެއް ހުރިކަން އެނގުނެވެ.

ފިލްމުތަކުންނާއި ޑޮކިއުމެންޓްރީތަކުން ކީމޯތެރަޕީގެ އަޑު އަހައި އެ ފަރުވާއިން ހަށިގަނޑަށް ކުރާ އަސަރު އެނގޭ ރޮވޭނާ ޑޮކްޓަރުންގެ ކިބައިން އެދުނީ ކީމޯތެރަޕީގެ ބަދަލުގައި އެހެން ފަރުވާއެއް އޭނާއަށް ދިނުމަށެވެ.

ރޮވޭނާގެ އެދުމާ އެއްގޮތަށް ދުބާއީގެ "ޒުލޭހާ ހޮސްޕިޓަލް"ގެ ޑޮކްޓަރުންގެ ޓީމުން އޭނާއަށް ދޭން ނިންމީ ބަޔޮލޮޖިކަލް އަދި ހޯމޯނަލް ތެރަޕީ އެކެވެ.

އެ ފަރުވާގެ ދެތިން ބުރު ނިމުނުއިރު ނޭވާލުމަށް ކުރިމަތިވި އުނދަގޫތައް ހައްލުވެ ރޮވޭނާގެ އާއްމު ސިއްހަތު ރަނގަޅުވި އެވެ. ފަސްވަނަ ބުރާ ހަމައަށް އައިއިރު އުރަމަތީގައިވާ ކެންސަރުގެ ގޮށް އެއްކޮށް ފިލަައިދިޔަ އެވެ.

ރޭޑިއޭޝަން ފަރުވާއެއް ކަމަށްވާ ކީމޯތެރަޕީއަކީ ކެންސަރަށް ހޯދިފައިވާ އެންމެ މުޖައްރިބު ފަރުވާ ނަމަވެސް އެއީ ދިގު މުއްދަތުގައި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.