ރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް، ޑިމޮކްރެޓްސްގެ ޑެޕިއުޓީ ލީޑަރު އާސިޔަތު އަލައިކާ އަދުނާނަށް ސްޓޭޓް މިނިސްޓަރުކަން ހުށަހަޅައިފި އެވެ.

ޑިމޮކްރެޓްސްގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ ތިން ވުޒާރާ އަކުން ވަނީ އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ހުށަހަޅާފަ އެވެ. އެއީ ފޮރިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން ލޯކަލް ގަމާމެންޓް މިނިސްޓްރީންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަލައިކާއަށް ބޮޑު މުސާރައާއެކު މަގާމް ދެއްވަން ތައްޔާރުކަމަށާއި ބޭނުންވަނީ އަލައިކާގެ ރުހުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަލައިކާ މިއަދުވެސް އާނއެކޭ ބުނެފިނަމަ ރައީސް މުއިއްޒު ހުންނެވީ ތައްޔާރަށް މަގާމް ދެއްވަން،" އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހާއި އަލައިކާ ދެމެދު ވާހަކަތައް ދެކެވުނަސް އަލައިކާ އަދި އެކަމަށް އެއްބަސްވެފައެއްނުވެ އެވެ.

އިއްޔެ ޑިމޮކްރެޓްސް އިން ވަނީ ރައީސް މުއިއްޒާ ބައްދަލުކޮށް އެ ޕާޓީން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތިބިކަން ހާމަކުރައްވާ އެވެ. ޑިމޮކްރެޓްގެ ރައީސް ހަސަން ލަތީފް އިއްޔެ ރައީސް މުއިއްޒާ ބައްދަލުކުރައްވައި އެކަން ހާމަކުރެއްވިޔަސް އެ ޕާޓީގެ ބައެއް މެމްބަރުން އެކަމަށް ތާއީދެއް ނޫނެވެ.