އެމްޑީޕީގެ ނައިބު ރައީސް ކަމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިން އައްޔަންކޮށްފި އެވެ.

ހިސާން އެމްޑީޕީގައި މަސައްކަތް ކުރައްވާތާ މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ނައިބު ރައީސް ކަމަށް އައްޔަން ކުރީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

އެމްޑީޕީގައި ހިސާން އެންމެ ފުރަތަމަ ފުރުއްވީ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމެވެ. އެއީ 2012 ވަނަ އަހަރެވެ. އޭނާ ވަނީ ގާނޫނީގޮތުން އެ ޕާޓީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހިސާން މަސައްކަތް ކުރެއްވީ ރައީސް އޮފީހުގަ އެވެ. ނިމިދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވީ ހިސާނެވެ. އޭނާ އަކީ ނިމިދިޔަ ފަސް އަހަރު އެ ކޮމިޝަނުގެ ރައީސެވެ.