ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕާސްޕޯޓުގެ ޝަރަފުވެރި ލަގަބު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިވެހިރާއްޖޭގެ ޕާސްޕޯޓަށް ލިބިއްޖެ އެވެ.

ވިސާ ނެތި ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައި ކޮންމެ އަހަރަކުވެސް ހެންލީ އެންޑް ޕާޓްނާސްއިން ނެރޭ ދުނިޔޭގެ އެންމެ ބާރުދަގަ ޕާސްޕޯޓު ލިސްޓުގައި ރާއްޖެއަށް މިއަހަރު ލިބިފައި ވަނީ ދުނިޔޭގެ 52 ވަނަ އެވެ. ދިވެހި ޕާސްޕޯޓުގައި ކުރިން ވިސާ ޖެހުމަކާ ނުލައި 94 ގައުމަކަށް ދަތުރު ކުރެވެ އެވެ.

މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ހަ ދަރަޖައިގެ ކުރި އެރުމެކެވެ. މިދިޔަ އަހަރު ދުނިޔޭގެ އެންމެ ބާރުދަގަ ޕާސްޕޯޓު ލިސްޓުގައި ރާއްޖެއަށް ލިބުނީ 58 ވަނަ އެވެ.

މިދިޔަ ދެ އަހަރުވެސް މި ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ހޯދާފައި ވަނީ ދިވެހި ޕާސްޕޯޓެވެ.

ރާއްޖޭގެ ޕާސްޕޯޓުގައި ވިސާ ނެތި ރަޝިޔާއާއި ޔޫއޭއީ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކަށް ދަތުރު ކުރެވެ އެވެ.

މި ސަރަހައްދުގެ ދެވަނައަށް ރޭންކު ކޮށްފައި އޮތީ އިންޑިއާގެ ޕާސްޕޯޓެވެ. ވިސާއާ ނުލައި އިންޑިއާއިން 58 ގައުމަކަށް ދަތުރުކުރެވެ އެވެ. އިންޑިއާއަށް ދުނިޔޭގެ ރޭންކިންގައި ލިބިފައި ވަނީ 82 ވަނަ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެ ލިސްޓުގެ އެންމެ ފުލުގައި މިއަހަރު ވެސް އޮތީ އަފްގާނިސްތާނެވެ. އެގައުމުގެ ޕާސްޕޯޓުގައި ވިސާއަކާ ނުލައި ދަތުރު ކުރެވެނީ އެންމެ 26 ގައުމަށެވެ. އެގައުމަށް ދުނިޔޭގެ ރޭންކިންގައި ލިބިފައި ވަނީ ލިސްޓުގެ 103 ވަނަ އެވެ.

ހެންލީ ޕާސްޕޯޓު ރޭންކިން ލިސްޓުން ދުނިޔޭގެ އެއްވަނަ ހޯދާފައި ވަނީ ސިންގަޕޫރު ޕާސްޕޯޓެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ދުނިޔޭގެ 195 ގައުމަކަށް ވިސާ ނެތި ދަތުރު ކުރެވެ އެވެ.

އެ ލިސްޓުގެ ދެވަނައިގައި އޮތީ 192 ގައުމަށް ވިސާ ނެތި ދަތުރު ކުރެވޭ ޕާސްޕޯޓު އޮންނަ ފްރާންސްއާއި ޖަރުމަނުގެ އިތުރުން އިޓަލީއާއި ޖަޕާނު އަދި ސްޕެއިން އެވެ.