ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ބުނެފި އެވެ.

ރޭ އިފްތިތާހް ކުރި "މާލެ ފަހި ޕްރޮގްރާމް" ގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ޓެކްސީ ލައިންގެ ހިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހިމަނާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރަމުން ގެންދާގޮތަށް، ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި އިތުރުބާރު ހިފޭ ޓެކްސީ ލައިނެއް ތައާރަފްކޮށް ހިދުމަތް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.

ސަރުކާރުގެ މި ހިދުމަތުގެ ތެރެއިން ޓެކްސީ ކުރާ ކާރުތައް ފްރީލާންސް އުސޫލުން އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކުރެވި، ދުއްވުމަށް ޝައުގުވެރިވާ ދިވެހިންނަށް ފުރުސަތު ހުޅުވާލާނެކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ޓެކްސީ ލައިނަކީ ތިމާވެށްޓާއި ރަށްޓެހި އިލެކްޓްރިކް އުޅަނދު (މަދުވެގެން 25 އިންސައްތަ) ބޭނުންކޮށްގެން ފަށާނެ ޓެކްސީ ލައިނެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

މާލޭ ސަރަހައްދުގައި ޓެކްސީ ލިބުން ދަތިވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ. ގިނަފަހަރު މާލެއިން ހުޅުމާލެއަށް ނޫނީ ދަތުރު ނުނަގާ ޓެކްސީތައް ވެސް މަދެއް ނޫނެވެ. މި އަހަރުގެ މެއި މަހު މިފަދަ މައްސަލަތަކެއް އެއާޕޯޓް ޓެކްސީ ކިއުގައި ދިމާވެ، ސަރުކާރުންވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެފަހަރު ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމުން ޓެކްސީ ޑްރައިވަރުންވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެފަހަރު ބަދަލު ގެނައީ، ހަ ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން އެއް ފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކުގައި ކުރާ ދަތުރުތަކުގެ އަގުތަކަށެވެ. އެ އުޅަނދުތަކުގައި ޓެކްސީ ކުރަން ހާއްސަ އަގުތަކެއް ކަނޑައެޅިއިރު, އެއަށްވުރެ ކުޑަ އުޅަނދުތަކުން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކަށާއި، ދާގީނާއަށް އިތުރަށް ފައިސާ ނެގޭ ގޮތަށް ވެސް މިނިސްޓްރީން ނިންމި އެވެ.