މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަށް ވެސް ހޯދާނީ ބޭރުގެ ސީއީއޯއެއް ކަމަށް އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކަށް ވެސް ހޯދާނީ ބޭރުގެ ސީއީއޯއެއް ކަމަށާއި ވަރަށް އަވަހަށް ބައިނަލްއަގްވާމީ ނޫހެއްގައި ބޭންކަށް ސީއީއޯއެއް ހޯދުމަށް އިއުލާންކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މިއަހަރުގެ މެއި 16 ވަނަ ދުވަހު އެވެ.
ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން މިހާރު ނަގާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް އުފެއްދުމަށް ލައިސަންސް ހޯދުމަށް މިއަދު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)އަށް ހުށައަޅާނެކަމަށާއި ބޭންކް އުފެއްދުމަށް ހުރިހާ ދިރާސާއެއް ހަދާނިމި، ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
"ބޭންކް ހިންގާނެ އިމާރާތެއްގެ ކަންތައްތަކުގައި އަދި އިމާރާތް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. އަޅުގަނޑުމެން މިހާރު ލަފާ މިކުރަނީ އަންނަ މަހު އިރާދަކުރެއްވިއްޔާ މި ބޭންކް ވުޖޫދުކުރެވޭނެކަމަށް." ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް ގާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުންކަމަށް ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލުލިބި ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމަކީ ވެސް މިފަދަ ބޭންކެއް ގާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ބުނެ އެވެ.