ސްމާޓް ފޯނާ ގުޅުންހުރި އެކި މައްސަލަތައް ތަހައްމަލުކުރާ ފުރާވަރު އުމުރުގެ ކުދިން އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާގައި ސްމާޓްފޯނާ ގުޅުންހުރި އަޚްލާގީ މައްސަލަތަކުގެ ތެރޭގައި ފޯނު ނުލިބުމުން ހާސްވުމާއި ވަގުތު ގެންގުޅެން ނޭނގުމުގެ އިތުރުން ދިރިއުޅުމުގެ އެހެން ކަންކަމުން ދުރުވާން ފޯނު ބޭނުންކުރުން ހިމެނެ އެވެ. މި ކަންކަމަކީ އެޑިކްޝަނަށް ވުރެ ނުރައްކާތެރިކަން ކުޑަ ކަންކަން ނަމަވެސް އަޅާނުލާ ގިނަ ދުވަހު ބަހައްޓައިފިނަމަ ދިގު މުއްދަތުގައި އެޑިކްޝަންއަށް ވެސް މަގުފަހިވާނެ ކަންކަން ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
އެ ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުގައި މިފަދަ މައްސަަލަތައް ތަހައްމަލުކުރާ 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންގެ 44 ޕަސެންޓަކީ އެންޒައިޓީގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ. އޭގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ކުދިންނަކީ ސްމާޓް ފޯނު މެދުވެރިކޮށް ޓިކްޓޮކް އާއި އިންސްޓަގްރާމް ބޭނުންކުރާ ކުދިން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އެންޒައިޓީއަކީ އާއްމު ދިރިއުޅުމުގެ އެކި ކަންކަމަށް ބުރޫ އަރުވާ ބައްޔަކަށް ވާއިރު ބޮޑުވަމުން އަންނަ ޖީލުގެ ބޮޑު އިންސައްތައެއް މި ބަލި ތަހައްމަލު ކުރުމަކީ ގައުމަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. އެގޮތުން ސްމާޓް ފޯނާ ގުޅުންހުރި މިކަންކަމުގެ ސަބަބުން ކުދިންގެ އިޖުތިމާއީ ގުޅުންތަކަށް ހީނަރުވުމުގެ އިތުރުން ކިޔެވުމަށް ވެސް ނޭދެވޭ އަސަރު ކުރެ އެވެ.
ކަން މިހެން އޮތް ނަމަވެސް ދިރާސާގައި ބައިވެރިވި ފުރާވަރު ކުދިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިން އެ ކުދިންގެ ކިބައިގައި ހުރި ސްމާޓް ފޯނާ ގުޅުންހުރި މައްސަލަތައް ހައްލު ކުރަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.