ލަވަކިޔުންތެރިޔާ ޝޯން މެންޑޭސް އޭނާގެ އަމިއްލަ ނަން "ޝޯން"ގެ ނަމުގައި އަލްބަމެއް ނެރޭކަން އިއުލާންކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ޝޯން ވަނީ އޮކްޓޯބަރު 18 ވަނަ ދުވަހު އޭނާގެ އާ އަލްބަމް ނިކުންނާނެ ކަމަށް އިންސްޓަގްރާމްގައި އިއުލާންކޮށްފަ އެވެ. މި އަލްބަމްގައި 12 ލަވަ ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝޯންގެ ކުރިއަށް އޮތް އަލްބަމް އިއުލާނު ކުރުމުގެ އިތުރުން ޝޯން ވަނީ އޭނާގެ އުފަން ދުވަސް ކަމަށްވާ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ފުރަތަމަ ދެ ލަވަ ކަމަށްވާ "ވައި ވައި ވައި" އާއި "އިޒްންޓް ދަޓް އެނަފް" ރިލީޒްކުރާނެ ކަމަށް ބުނެފަ އެވެ. ޝޯން ވަނީ މި ދެލަވައިގެ ޓީޒާއެއް ފޭނުންނަށް ދައްކާލާފަ އެވެ.

މިއީ މިއުޒިކާއި ދުރުގައި ދެ އަހަރު ހުރުމަށް ފަހު ޝޯން އާ އަލްބަމެއް ނެރޭ ފުރަތަމަ ފަހަރެެވެ. އޭނާ ބުނި ގޮތުގައި ފާއިތުވި އަހަރުތަކަކީ އޭނާއަށް ދަތި އަހަރުތަކެކެވެ. އަދި އަލްބަމް ނިންމާލެވުނީ ކިހިނެތް ކަން ވެސް ނޭނގޭ ކަމަށް ޝޯން ބުންޏެވެ.

ޝޯން މެންޑޭޒް ލަވަކިޔުންތެރިއެއް ގޮތުގައި މަޝްހޫރުވެފައި ވަނީ ކުރީގެ އެޕެއް ކަމުގައިވާ "ވައިން" އެޕުގައި ލަވަ ކިޔައިގެންނެވެ.