ބޮޑެތި ބަދަލުތަކަކާއެކު އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯއެއް ކަމަށްވާ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ ސީޒަން 16 ފަށަން ތައްޔާރުވެއްޖެ އެވެ.

މި ޝޯއަކީ އިގްތިސާދީ، އިޖުތިމާއީ، ސިޔާސީ، ކުޅިވަރު، ޖިއޮގްރަފީ އަދި މުނިފޫހިފުލުވުން ފަދަ ދާއިރާތަކުން ބައިވެރިންނާ ސުވާލު ކުރެވި މެދުކެނޑުމެއްނެތި ރަނގަޅުކުރާ ކޮންމެ ސުވާލަކަށް ފައިސާގެ އިނާމެއް ލިބޭ ކުއިޒް ޝޯ އެކެވެ. ސުވާލެއް ނުބައި ވެއްޖެނަމަ ކުރިން ލިބިފައިވާ އިނާމު ގެއްލެ އެވެ.

ބޮލީވުޑްގެ ތަރި އަމީތާބު ބައްޗަން ހުށައަޅައިދޭ މި ޝޯގެ 15 ސީޒަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، ކުރިއަށް އޮތް 16 ވަނަ ސީޒަންގައި ބޮޑު ބަދަލުތަކެއް ފެންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން މި ސީޒަނުގައި ބައިވެރިންނާ ކުރެވޭ ފަސްވަނަ ސުވާލަށްފަހު "ސުޕަ ސުވާލު"ގެ ނަމުގައި ބޯނަސް ފުރުސަތެއް ބައިވެރިންނަށް ދެވި އެހާތަނަށް ލިބިފައިވާ ފައިސާގެ އިނާމު ދެގުނަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ނަމަވެސް އެ ސުވާލުގައި ބައިވެރިންނަށް އެހީވުމުގެ ގޮތުން އާއްމުކޮށް ޝޯގައި ދެވޭ "ލައިފް ލައިން" ބޭނުން ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. އެހެންކަމުން ޖަވާބު ދޭން ޖެހޭނީ އަމިއްލަ އަށެވެ.

ސޮނީޓީވީ އިން ދުރަށް ދައްކާ އިންޑިއާގެ އެންމެ ދުވަސްވީ އެއް ރިއަލިޓީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ 16 ވަނަ ސީޒަން އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ފަށާއިރު މީޑިއާނެޓުގެ ޗެނަލް 601 ން އެ ޝޯ ފެންނާނެ އެވެ.