ޝޭހް މުހައްމަދު އިޔާޒް ނަންގަވާދެއްވާ ގުރުއާން ތަފްސީރު ކްލާސްތައް ހުއްޓާލިކަމަށް ބުނެ، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އިތުރުފުޅު ހައްދަވައިފިކަމަށް އިޔާޒް ވިދާޅުވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި އިސްލާމިކް މިނިސްޓަރު ޝަހީމް އެކްސްގައި ވިދާޅުވީ ޑރ އިޔާޒް ބަލިވެގެން ކަމަށް ވިދާޅުވެ އަމިއްލަ ފުޅަށް ދަރުސް ހުއްޓަލިތާ 1 މަސްވެއްޖެ ކަމަށާއި ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެ ކަމަށެވެ. އިއްޔެ އަލުން ދަރުސް ފަށަށް އިޔާޒް އެދިފައިވާކަމަށާ އަދި ދެ މަރުކަޒް ނޫންތަންތަނެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ދަންނަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅިގެން ޝޭހް އިޔާޒް މިއަދު ވިދާޅުވީ ޝަހީމް ހަގީގަތް އޮޅޭގޮތަށް ދޮގު ހަބަރު ފަތުރައްވަމުންދާކަމަށެވެ.
"އަޅުގަނޑު 2018 އިން ފެށިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ މަޣްރިބް ނަމާދުގެ ފަހުން އިސްލާމީ މަރްކަޒުގައި ނަގަމުން އައި ޤުރްއާން ތަފްސީރު ކުލާސް މަސްދުވަހަށް މެދުކަނޑާލީ އަޅުގަނޑުގެ ދަރިފުޅަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދާންޖެހިގެން. ފުރުމުގެ ކުރިން މިނިސްޓްރީގެ ކަމާއި ބެހޭ މުވައްޒަފަށް އެކަން އެންގީ. އަދި އެނބުރި މާލެ އައިސް އެމުވައްޒަފަށް އެކަން އެންގިން" އިޔާޒް ވިދާޅުވި އެވެ.
ފަހުން އިއްޔެގެ ވަގުތެއްގައި މިނިސްޓްރީގެ މުވައްޒަފު ގުޅާފައި އިސްލާމީ މަރްކަޒާއި ސަލްމާން މިސްކިތް ފިޔަވާ އެހެން މިސްކިތެއްގައި ކުލާސްތައް ކުރިއަށް ގެންދިއުމަށް އެންގިކަމަށް އިޔާޒު ވިދާޅުވި އެވެ. އެ އެންގުން އަންގާފައިވަނީ ޑެޕިއުޓީ މިނިސްޓަރު މުތީއު ކަމަށް އެ މުވައްޒަފު ބުނެފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކުލާސް ހުއްޓާލީ އަޅުގަނޑު އަމިއްލައަށް ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރު ދޮގު ފަތުރުއްވާތީވެ، ހަގީގަތް ހާމަކުރުމުގެ ގޮތުން މިވާހަކަ ލިޔަން މަޖުބޫރުވީ. އިސްލާމްދީނަށް ހުރުމަތްކޮށް ހިއްތެވުމަށް މާތް ﷲ ގަންދީ ހުވާކުރައްވައިގެން ހުންނަވާ މިފަދަ ދަށުދަރަޖައިގެ އަމަލެއް މިނިސްޓަރު ހިންގަވާތީ އެކަމާ ނުހަނު ހިތާމަކުރަން. އަދި ތައުބާވުމަށް ގޮވާލަން" އިޔާޒް ވިދާޅުވި އެވެ.
މީގެ ކުރިންވެސް ރަށުން ބޭރަށް ދާންޖެހިއްޖެނަމަ ދަރުސް މެދުކަނޑާލުމަށްފަހު އެނބުރި އައިސް އަލުން ކުރިއަށް ގެންދެވޭކަމަށާއި ނަމަވެސް، މިފަހަރު ހުކުމް ބަދަލުވެގެން މިއުޅެނީ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކޮށްދިނުމަށް އެދުމުން، ބަޔަކު މީހުންގެ ފިއްތުމާއި ހުރެ ޝަހީމުއަށް އެކަން ކުރައްވަން ކެރިވަޑައިނުގެން، އެކަމުގެ މަތިޖެއްސެވުމަށް ކުރައްވާ ސިލްސިލާ ކަންތައްތަކެއްކަމަށް އިޔާޒު ތުހުމަތު ކުރެއްވި އެވެ.