އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ދެން އަންނަ ސަރުކާރަކުން ބަލައިގަންނަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން 99 އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުން ހަދައިގެން ވިއްކާލަނީ ދިވެހި ރައްޔިތުންގެ މުސްތަގުބަލު ކަމަށެވެ. އަދި މިއީ އެއްވެސް ސަރުކާރަކަށް ގާނޫނަކުން ލިބިދީފައިވާ މެންޑޭޓެއް ނޫން ކަމަށާއި، ދުނިޔޭގެ އެއްވެސް ގައުމެއްގެ އަދި ރާއްޖޭގެ ގާނޫނުތަކުގައި ވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، މި ސަރުކާރުން އެ ކުރަނީ ރައްޔިތުންގެ މުސްތަގުބަލުން ވައްކަން ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ ރަސްމާލެއަކީ ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ އުފެއްދުމެއް ނޫން ކަމަށާއި، އެ ކޮންސެޕްޓަކީ ވެސް އެމަނިކުފާނުގެ އުފެއްދުމެއް ނޫން ކަމަށެވެ. އެހެންކަމުން އެއީ ވަކި ބޭނުމެއް ހާސިލުކުރުމަށްޓަކައި ތައްޔާރުކުރަމުންދާ ތަންތަން ކަމަށް ވެސް ޔާމީން ވަނީ ތުހުމަތުކުރައްވާފަ އެވެ.
ރައީސް ޔާމީން މި އެއްބަސްވުމަށް ފާޑުވިދާޅުވެފައިވާއިރު، ރާއްޖޭގެ ތާރީހުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވޭ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ހަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ބާނީ އަދި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލާއްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އީގަލް ހިލްސް ކުންފުންޏަކީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއު އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް މިހާރުވެސް ތަރައްގީކުރަމުން އަންނަ ކުންފުންޏެކެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށާއި، 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފަ އެވެ.
ހާއްސަ އެވޯޑަކާއެކު ވީއެމްއޭ އެވޯޑްސްގެ އާ ރެކޯޑެއް ޓޭލާއަށް؟
ޔޫއޭއީން އީރާނުގެ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލައިފި
ރަސްމާލެ ވިއްކާލި ކުންފުނިން ހުޅުމާލޭގައި ވިއްކަން ފްލެޓް އަޅަނީ
ރަސްމާލެ އަބޫދާބީގެ ކުންފުންޏަކަށް ވިއްކާލައިފި