ކެރީ އަންޑަވުޑް އެނބުރި އެމެރިކަން އައިޑޮލްއަށް ދިޔަ ނަމަވެސް މިފަހަރު އޭނާ ހުންނާނީ ޖަޖުންގެ މޭޒުދޮށުގަ އެވެ.
އުމުރުން 41 އަހަރުގެ ކަންޓްރީ މިއުޒިކް ލަވަކިޔުންތެރިޔާ އެމެރިކަން އައިޑޮލްގެ ޖަޖަކަށް އަރަނީ ކުރީގެ ޖަޖު ކެރީ ޕެރީގެ ބަދަލުގަ އެވެ. އަންނަ އަހަރު ޕްރިމިއާ ކުރާ ސީޒަންގައި ޖަޖުން ލިއޮނަލް ރިޗީ އާއި ލޫކް ބްރަޔަންއާއެކީ ކެރީ ފެންނާނެ ކަމަށް ބެލެވެ އެވެ.
އޭބީސީން މިކަން ހާމަކޮށްފައި ވަނީ އޮގަސްޓް 1 ވާ ބުރާސްފަތި ދުވަހުގެ ޝޯގައި ކެރީގެ ތްރޯބެކް ވީޑިއޯއަކާއެކު އެވެ.
ހޯސްޓް ރަޔަން ސީކްރެސްޓް ވެސް މިކަން ކަށަވަރުކޮށް މަރުހަބާ ކިޔާފަ އެވެ.
އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މީގެ 20 އަހަރު ކުރިން އެމެރިކަން އައިޑޮލްގެ ގޮތުގައި އިއުލާނުކުރުމުން ފެށިގެން މިހާރު ފަނޑިޔާރުގެ މޭޒުދޮށަށް ކެރީ ދިޔުމަކީ ފުލް ސާކަލް މޮމެންޓެއް ކަމަށެވެ
ކެރީ އަކީ އައިޑޮލްގެ ކުރީގެ ބައިވެރިންގެ ތެރެއިން އެންމެ މަގުބޫލު އެއް ބައިވެރިޔާ އެވެ. ސީޒަން 4 ގައި ވާދަކުރުމަށް ފަހު އޭނާ ވަނީ މަޝްހޫރުކަން ހޯދާފަ އެވެ. މުސްތަގުބަލުގެ ގިނަ ބައިވެރިން ވަނީ އޭނާގެ ލަވަތައް ބޭނުންކޮށްގެން އޮޑިޝަން ވެސް ދީފަ އެވެ.
ކެރީ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 85 މިލިއަން ރެކޯޑް ވިއްކާލައި، އޭނާގެ ކެރިއަރުގައި މިހާތަނަށް އަށް ގްރެމީ އެވޯޑާއި 17 އެމެރިކަން މިއުޒިކް އެވޯޑާއި 10 ޕީޕަލްސް ޗޮއިސް އެވޯޑާއި ހަތް ސީއެމްއޭ އެވޯޑް ހާސިލްކޮށްފަ އެވެ.
މި އަހަރުގެ ކުރީކޮޅު ކުރީގެ ޖަޖު ކެޓީ ޕެރީ ވަނީ މި ރިއަލިޓީ ޓީވީ ސިލްސިލާއިން ވަކިވިކަން އިއުލާންކޮށްފަ އެވެ. އޭނާ ޝޯއަށް ލޯބިކުރާ ކަމަށާއި ނަމަވެސް އާޓިސްޓެއްގެ ހައިސިއްޔަތުން އެހެން މަސައްކަތްތައް ހޯދަން ބޭނުންވާ ކަމަށް ކެޓީ ވަނީ ބުނެފަ އެވެ.