ހާލަކުވެފައިވާ ފައިސާގެ ނޫޓުތަކުގެ ތެރެއިން މިދިޔަ އަހަރުތެރޭ ތިން ލައްކައަށް ވުރެން ގިނަ ނޫޓް ނައްތާލައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނީ މިދިޔަ އަހަރު 391957 ނޫޓު ނައްތާލާފައިވާ ކަމަށެވެ. މިނޫޓުތަކުގެ ފައިސާގެ އަގު 22 މިލިޔަން ރުފިޔާއަށް އަރާ ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.
މިދިޔަ އަހަރުތެރޭ ނައްތާލާފައިވާ ފައިސާގެ ނޫޓުގެ ތަފްސީލު:
- 1000 ރުފިޔާގެ ނޫޓު : %0.40
- 500 ރުފިޔާގެ ނޫޓު : %3.2
- 100 ރުފިޔާގެ ނޫޓު : %19
- 50 ރުފިޔާގެ ނޫޓު : %19.7
- 20 ރުފިޔާގެ ނޫޓު : %39.9
- 10 ރުފިޔާގެ ނޫޓު : %13.5
- 5 ރުފިޔާގެ ނޫޓު : %4.3
އެމްއެމްއޭގެ ހިސާބުތައް ދައްކާގޮތުން ހަލާކުވެގެން އެންމެ ގިނަ އަދަދަކަށް ނައްތާލެވިފައިވަނީ 20 ރުފިޔާގެ ފައިސާގެ ނޫޓެވެ.
ހަލާކުވެގެން އާއްމުން ގެންނަ ނޫޓުތައް ވަކި އުސޫލެއްގެ ދަށުން އެމްއެމްއޭއިން ބަދަލުކޮށްދެ އެވެ. އެމްއެމްއޭއިން ބުނީ މިދިޔަ އަހަރު ތެރޭ މިގޮތަށް ލިބިފައިވާ ނޫޓުތަކުގެ އަދަދު 2022 ވަނަ އަހަރާއި އަޅާ ބަލާއިރު %16.3 ދަށް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު އަހަރު ނިމުނުއިރު ހުރީ ހަތަރު ބިލިޔަން ރުފިޔާގަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު %8.65 އިތުރު އަދަދެކެވެ.